ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށްޓަށް ދިޔަ މީހަކު ފައްސިވެއްޖެ

މާލެއިން ރަށްރަށަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ހާއްސަ ހުއްދައިގެ ދަށުން، މާލެއިން ކުޅުދުއްފުށި ސިޓީއަށް ދިޔަ ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"ކުޅުދުއްފުށި އޮންލައިން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހާއަކީ ރާއްޖެއިން ބޭރުން އައި މީހެކެވެ. އަދި މާލޭގައި މަޑުކުރުމަށްފަހު ކުޅުފުއްފުއްޓަށް ގޮސްފައި ވަނީ ޕީސީއާރް ނައްސި ނަތީޖާއަކާ އެކުގައި ކަމަށާއި ނަމަވެސް މާލެއިން ވެސް އޭނާގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައި ވެއެވެ.
މާލެއިން ނެގި ސާމްޕަލް އިން މި މީހާ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭނާގެ ނަތީޖާ ލިބިފައި ވަނީ މާލެއިން އެރަށަށް ދިޔަ ފަހުންނެވެ. މި މީހާ މިވަގުތު ހުރީ ކަރަންޓީނުގައެވެ.
މީގެ ކުރިން ވެސް ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށްޓަށް ދިޔަ ބަޔަކު ފައްސިވެ އެ ސިޓީގައި ބޮޑު ކްލަސްޓާއެއް އުފެދިފައި ވެއެވެ.