ކޮވިޑް19: އިންޑިއާގައި ކަރަންޓީނުގައި ހުރި އަންހެނަކު ރޭޕްކޮށްފި
އިންޑިއާގައި ކޮވިޑް19 އަށް ޝައްކު ކުރެވިގެން އެކަހެރިކޮށްފައިހުރި އުމުރުން 40 އަހަރުގެ އަންހެނަކު ރޭޕް ކޮށްފިއެވެ.
ޕަންވޭލް ގައި ހުރި ކަރަންޓީނު ފެސިލިޓީއެއްގައި ހުރި މި އަންހެންމީހާ ރޭޕްކޮށްފައިވަނީ ކޮވިޑް19 އަށް ފައްސިވެގެން އެ ފެސިލިޓިގައި ކަރަންޓީނުކޮށްފައިހުރި އުމުރުން 25 އަހަރުގެ ޝުބާމް ކާތޫ ނަމަކަށް ކިޔުނު ފިރިހެނެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ފިރިހެން މީހާ އަންހެން މީހާ ދިރިއުޅޭ 5 ވަނަ ފަންގިފިލާ އަށް ގޮސްފައިވަނީ އޭނާގެ ބޭބެ އާ ބައްދަލުކުރުމަށެވެ. އަދި ބޭބެ ގެ ކޮޓަރި ކަމަށް ހީކޮށް އޭނާ އަށް ޓަކި ޖެހުނީ އަންހެން މީހާ ދިރިއުޅޭ ކޮޓަރިްގައި ކަމަށާއި އެކަން އެނގުމުން އެ ފިރިހެން މީހާ އަންހެން މީހާ ގާތު މާފަށް އެދުމަށް ފަހު އެނބުރި ދިޔައީ ކަމަށެވެ.
ނަމަވެސް ފަހުން އޭނާ އެކޮޓަރި އަށް ދިޔައީ މެޑިކަލް ސްޓާފަކަށް ވެގެނެވެ. އަދި ގޮސް ތަފާތު އެކި އެކި ސުވާލުކުރުމުން އަންހެން މީހާ ބުނީ ހަމައެކަނީ ގައިގައި ރިއްސާ ކަމަށާއި އެއަށް ފަހު ފިރިހެން މީހާ މަސާޖު ކޮށްދީފާނެކަމަށް ބުނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އަދި މަސާޖު ކުރުމުގެ ނަމުގައި އޭނާ އަންހެން މީޙާ ރޭޕްކުރީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އަންހެން މީހާ ވަނީ ހުކުރު ދުވަހު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.
މީގެ ކުރިން ވެސް އިންޑިއާގެ ކަރަންޓީނު ފެސިލިޓީއެއްގައި މިފަދަ ހާދިސާ އެއް ހިނގާފައިވެއެވެ.