ޖަމީލު، ނަޝީދަށް: ހަގީގަތް އޮޅޭ ގޮތަށް ތި ވާހަކަދައްކަވަނީ ކަމުގެ ނާޒުކުކަން އިހްސާސް ނުވާތީ
ބިދޭސީންގެ މައްސަލާގައި ހަގީގަތް އޮޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ އެ ކަމުގެ ނާޒުކު ކަން އެމަނިކުފާނަށް އިހުސާސް ނުކުރެއްވޭތީ ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ހާއްސަ އެޑްވައިޒަރު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ 10 އަހަރަށް ވުރެ ގިނަ ދުވަހަށް ރާއްޖޭން ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭނެ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަން ރައީސް ނަޝީދު ނިންމެވި ސަބަބު އެމަނިކުފާނު ހާމަކުރެއްވުމުގެ ގޮތުން ލިއުއްވި މަޒުމޫނުގައި ހިމެނޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ބިދޭސީން މައްސަލަ ހައްލުވާނީ ރަށްވެހިކަން ދީގެން ކަމަށް ނަޝީދު ވިދާޅުވެފައިވާ ހަބަރެއްގެ ސްކްރީން ޝޮޓެއް ޓްވީޓް ކުރައްވާ ޖަމީލް ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް ބިދޭސީންނަށް ދެވެނީ އަދި އުޅެވެނީ ގާނޫނީ ލިޔުމެއް އޮވެގެން ކަމަށެވެ. ގާނޫނީ ލިއެކިއުން ނެތި ބިދޭސީން އެތެރެވެ އުޅޭ މައްސަލަ ހައްލު ވާނީ ޑޮކިއުމަންޓް ކުރުން ފުރިހަމަ ކޮށްގެން ކަމަށާއި ކޯޓާގެ ނިޒާމު ހަރުދަނާކޮށް، އިގްތިސާދުގެ ބާޒާރު މޮނޮޕޮލީ ކުރުން ނުވަތަ ކޮންޓްރޯލް ކުރުން ހުއްޓުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބިން މަދު، އަމިއްލަ ރައްޔިތުންނަށް ވެސް ބޯހިޔާވަހި ކަން ނުދެވިގެން އުޅޭއިރު ހަރުދަނާ ކުރަންވީ ނިޒާމްތައް، ގާނޫނާ ހިލާފަށް އެއްވެސް ބިދޭސީއަކަށް ނޫޅެވޭނެ ކަން ކަށަވަރު ކުރެވޭނެ ގޮތަށް." ޖަމީލް ވިދާޅުވިއެވެ.
ޙަޤީގަތް އޮޅޭ ގޮތަށް ވާހަކަދައްކަވަނީ ކަމުގެ ނާޒުކުކަން އިޙްޞާސް ނުވާތީ. ކޮންމެ ޤައުމަކަށްވެސް ބިދޭސީންނަށް ދެވެނީ/އުޅެވެނީ ޤާނޫނި ލިޔުމެއް އޮވެގެން. ހައްލު: 1- ބަހަނާ ހުއްޓައި ޑޮކިއުމަންޓް ކުރުން ފުރިހަމަކުރުން. 2- ކޯޓާގެ ނިޒާމް ހަރުދަނާކޮށް، މޮނޮޕޮލީ ކުރުން ނިންމުން 1/2 pic.twitter.com/wGaxgk7dTE
— Mohamed Jameel Ahmed (@MJameelAhmed) July 19, 2020
ނަޝީދު އެމަނިކުފާނުގެ ބްލޮގްގައި އިއްޔެ ލިޔުއްވި މަޒްމޫނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި 70،000 އާ ގާތް ކުރާ އަދަދަކަށް ލިޔެކިޔުން ނެތް ބިދޭސީން އުޅޭ ކަމަށާއި އެ ހުރިހާ މީހުން ހައްޔަރުކޮށް ބަންދު ކޮށްފައި ބޭތިއްބޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އޭގެ ސަބަބުން ހަރަދު ބޮޑުވުމުގެ އިތުރުން އިންސާނީ ހައްގުތަކަށް ވެސް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.
ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަލުން ވިސްނުމަށް ނަޝީދު ހުށަހެޅުއްވި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ބައެއް މެމްބަރުން އެކަމުގައި އެ މަނިކުފާނު އެހެން ގޯހެއް ވެސް ހައްދަވާފައިވާ ކަމަށް ވިދާޅުވެ އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.