އެމްއެމްޕީއާރުސީ މައްސަލާގައި ޕީޖީ ޝަމީމްގެ މަސްލަހަތު ފުށުއަރާތީ ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ދައުލަތް ތަމްސީލު ކުރެއްވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށާއި، އެއީ ވަކީލުންގެ ސުލޫކާ ހިލާފު ކަމެއް ކަމަށް ބުނެ ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅަައިފި އެވެ.
ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވި ހުކުމް ވެސް ކޮށްފައިވާ ބައެއް މީހުންގެ ދިފާއީ ވަކީލުގެ ގޮތުގައި ޕީޖީ ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ދިފާއީ ވަކީލަކަށް ޝަމީމް އުޅުއްވި އެވެ.
އަދި އޭގެ ފަހުންވެސް ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަމަށާއި، ފުލުހުން ޒިޔަތަށް ދިން ގާނޫނީ އިންޒާރުގެ ފޯމުތަކުގައި ޝަމީމް ސޮއިކޮށްފައި ހުރުމުން ވެސް އެކަން އެނގޭ ކަމަށް ބުނެފައިވެ އެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް މާބިންހުރާ ދޫކުރި މައްސަލައިގައި ޒިޔަތަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު އޭނާގެ ވަކީލެއްގެ ގޮތުގައި ސޮއި ކުރެއްވީވެސް ޝަމީމް ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ އަރިސް އެކެއް ކަމަށް ބެލެވޭ އަހުމަދު ހުސައިން (އޮއިއްޓެ)ގެ ވަކީލެއްގެ ގޮތުން ވެސް ޝަމީމް އުޅުއްވާފައިވާ ކަމަށް، މަސްލަހަތު ފުށުއެރުމުގެ މައްސަލަ ހުށަހެޅި މީހާ، ފާހަގަކޮށްފައިވެ އެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި މުހައްމަދު ހުސެއިންއަށް ދައުވާ ނުކުރުމަށް ދައުލަތާ އެކު ހެދި ޕްލީ ބާގެއިން އެގްރީމަންޓުގައި އޭނާގެ ވަކީލެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީވެސް ޝަމީމް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައިވެސް ޝަމީމް މަސައްކަތް ކުރައްވައި މީޑިއާއަށް އިންޓަވިއުވެސް ދެއްވާފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.