ފަތުހު ގްރޫޕްގެ ވެރިޔާއަށް ކުރި ދައުވާ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި
ފަތުޙު ހައްޖު ގްރޫޕްގެ ވެރިޔާ މުސްޠަފާ މުޙައްމަދު ދީދީގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ބާތިލުކޮށް އޭނާގެ މައްޗަށް ކުރި ޚިޔާނަތުގެ ދައުވާ އަލުން ދަށުކޯޓުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މުސްޠަފާ މުޙައްމަދު ދީދީ ގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ހައްޖަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު އެމީހުން ހައްޖަށް ނުގެން ގޮސްދިން މައްސަލާގައެވެ.
މީގެ ހަ އަހަރު ކުރިން (2014 ވަނަ އަހަރު) ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ފަތުހު ޖަމާއަތުން ވަނީ 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ ނަގާފައެވެ. ނަމަވެސް އޭގެން އެއްވެސް މީހަކު އެގުރޫޕުގެ ފަރާތުން ހައްޖަށް ގެންގޮސްދީފައެއް ނުވެއެވެ. ފަތުހު ޖަމާއަތަށް ފައިސާ ދެއްކި އެންމެން ޙައްޖަށް އެއިރު ގެންގޮސްދީފައިވަނީ ސަރުކާރުގެ ޚަރަދުގަ އެވެ.
މިމައްސަލައިގައި ދައުލަތުން ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާއާއި ޚިޔާނާތުގެ ކުށުގެ ދައުވާ އުފުލާފައެވެ. ނަމަވެސް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ބުނެ ޚިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
މި މައްސަލަ ދައުލަތުން އިސްތިއުނާފުކުރުމުން އެ މައްސަލާގައި ހައިކޯޓުން އިއްވި ހުކުމްގައިވެސް ވަނީ މި މައްސަލާގައި މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމި ނިންމުމަށް ތާއިދޫކޮށްފައެވެ.