ޚަބަރު

ޖާބިރްގެ ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ހުކުމް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިންޑް އިޝުއަރެންސް ގެ މައްޗަށް ހުކުމް ކޮށްފިއެވެ.

Ads by STELCO

ސިވިލް ކޯޓުން މިއަދު މިހުކުމް ކޮށްފައިވަނީ ހއ.އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ޔޮޓް ޓުއާސް އިން އެލައިޑްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގައެވެ.

އަލިދޫ ރިސޯޓު އިންޝުއާރ ކޮށްފައިވަނީ އެލައިޑުންނެވެ.

އެރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމުން އެލައިޑުން ބުނެފައިވަނީ އެބަދަލު ދެވެން ނެތް ވާހަކައެވެ.

އެހެންކަމުން ޔޮޓް ޓުއާސްގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޔޮޓް ޓުއާސް އިން ހިންގަމުންދިޔަ އަލިދޫ ރިސޯޓު އެލައިޑްގެ ފަޔާ އިންޝުއަރެންސް ޕޮލިސީގެ ދަށުން އިންޝުއާކޮށް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެލައިޑަށް ދައްކާފައިވަނިކޮށް 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 އިން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 އާއި ދެމެދު މޫސުން ގޯސްވެ ކުރިމަތިވެ ގުދުރަތީ ކާރިސާއެއްގައި ރިސޯޓުގެ މޫދު ރޫމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

މީގެއިތުރުން އެހުކުމުގައި ބުނެފައިވަނީ، މި ގެއްލުންތަކަކީ ދެ ފަރާތުގެ މެދުގައި ސޮއިކޮށްފައިވާ ފަޔާ އިންޝުއަރެންސް ޕޮލިސީގެ ޔޮޓް ޓުއާސް އަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލުދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދިނުމަށް ސިވިލް ކޯޓުން ވަނީ އެލައިޑްގެ މައްޗަށް އަމުރު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!