މުއިއްޒަށް އުނދަގޫ ކުރަނީ ބަލިވާނެކަން އެނގޭތީ: ޖަމީލް

މާލެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އުނދަގޫތައް ކުރުމަތި ކުރުވަނީ އިންތިހާބުގައި އެމްޑީޕީ ބަލިވާނެކަން ޔަގީން ވާތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅު ވެއްޖެއެވެ.
މި ސަރުކާރު ފައި ނަގާފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކު ކޮށްލަން ކަމަށް ފާހަގަ ކުރައްވައި ޖަމީލު ވިދާޅުވީ މުއިއްޒަށް ގޯނާ ކުރަނީ އިންތިހާބުން އެމްޑީޕީ ބަލިވާނެ ކަން އެޕާޓީއަށް ޔަގީން ވާތީ ކަމަށެވެ.
މުއިއްޒު އޭސީސީއަށް ހާޒިރު ކުރަން ނިންމުމާ ގުޅިގެން ޖަމީލް ވިދާޅުވީ އޭސީސީ އާއި ޕީޖީއަކީ ޕަޕެޓުންތަކެއް ކަމަށާއި ޕަޕެޓުންތަކެއް ކުރާނޭ ތަހުގީގެއް ނޯންނާނެ ކަމަށެވެ.
"ކޮންމެ ވާހަކައެއް ދެއްކިޔަސް އެމްޑީޕީ ސަރުކާރުން ފައި ނަގާފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކު ކުރަން. ޑރ. މުއިއްޒަށް ގޯނާ ކުރަނީ އިންތިހާބުން އެމްޑީޕީ ބަލިވާނެކަން ޔަގީން ވާތީ. ޕަޕެޓުންތަކެއް ކުރާނެ ތަހުގީގެއް ނޯންނާނެ. ރައްޔިތުން ވަރަށް ކައިރިން ތި ސަކަރާތް އެބަބަލާ." ޖަމީލު ވިދާޅުވިއެވެ.
މުއިއްޒާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލައެއްގައި އަންގާރަ ދުވަހު ކޮމިޝަނަށް ހާޒިރުވާން އިއްޔެ އޭނާ އަށް ވަނީ އަންގާފައެވެ.
"އަޅުގަނޑު ކެންޕެއިނަށް ސަރުކާރުން ހުރަސް އެޅުމަށް، އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމަށް، އަބުރު ކަތިލުމަށް ސަރުކާރުން އަންގައިގެން 23 މާޗްގައި އޭސީސީއަށް ހާޒިރު ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.