ޚަބަރު

ރޯދައަށް ހާފިޒުން ގެންނަން ހާއްސަ ވިސާއެއް ދޫކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރިއަށް އޮތް ރަމަޟާން މަހު، ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދުކޮށް ހިފްޒު ކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ހާފިޒުންނަށް ވަކިން ހާއްސަ ވިސާއެއް ދޫކުރުމަށް ނިންމައިފިއެވެ.

Ads by MWSC

އިމިގްރޭޝަނުން ބުނީ ހިފްޒުކޮށް ތަރާވީސް ކުރަން ގެންނަ މީހުންނަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވިސާ ކަމަށާއި 30 ދުވަހަށް ވުރެ އިތުރަށް ރާއްޖޭގައި މަޑު ކުރާނަމަ ވިސާ ހަމަވުމުގެ ކުރިން އެ ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖެއަށް ހާފިޒުން ގެންނަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް، އިމިގްރޭޝަންގެ ޕޯޓަލް، "އިމުގާ" މެދުވެރިކޮށް ހުށަހެޅުމުން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ސިސްޓަމް މެދުވެރިކޮށް ހުއްދަ ލިބުނުކަން އަންގާނެ ކަމަށެވެ.

ރާއްޖެ ގެންނަ ހާފިޒުންގެ ރާއްޖޭގައި ތިބޭ މުއްދަތުގައި ވިސާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރުމަކީ ހާފިޒުން ރާއްޖެ ގެންނަ ފަރާތުގެ ޒިންމާއެކެވެ.

ހިފްޒުކޮށް ތަރާވީހު ކުރަން ބޭރުން ގާރީންނާއި ހާފިޒުން ގެންނަން ބޭނުން ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި

  1. ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވިސާ އަށް އެދޭ ފޯމް" (IM22)
  2. "ވިސާ އަށް އެދޭ ފަރާތުގެ މައުލޫމާތު ފޯމް" (IM30)
  3. ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ.
  4. ބިދޭސީ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
  5. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދޫކޮށްފައިވާ ހުއްދަ

މީގެ އިތުރުން މި ފަރާތްތަކާއެކު އާއިލާގެ ބޭފުޅުން ދަތުރު ކުރައްވާނަމަ، އެމީހުންގެ ހަރަދު ސްޕޮންސާ ކުރަން ޖެހޭނީ ހާފިޒުން ރާއްޖެ ގެންނަ ފަރާތުން ކަމުގައި ވެސް އިމިގްރޭޝަން އިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!