ޚަބަރު

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ދެން އެމްވީ ، ދެން އޮންލައިން

ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލަތަކެއް ސާބިތުވެ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުއްވި މައްސަލަ، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

Ads by Sosun Fihaara

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޖޭއެސްސީއިން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން އިސްމެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށް ބަޔާނުގައިވެ އެވެ. އަދި ބުނީ، މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އޭނާގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަަށެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތު ކުރި ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މައުސޫމް ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ ޖޭއެސްސީން އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 51 ވަނަ ބައްދަލުވުމުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!