ޚަބަރު

މެމްބަރު ޝަހީމް، އިމްރާނަށް: އަދާލަތު ޕާޓީން އައިސް ހުރި މީހަކަށް ލާމަރުކަޒީ ނިޒާމެއް ނޭނގޭނެ!

ދެން އެމްވީ

ޢަދާލަތު ޕާޓީން އައިސްހުރި މީހަކަށް ލޯކަލް ކައުންސިލް ނިޒާމެއް ނޭނގޭނެ ކަމަށް ވިދާޅުވެ ކަޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ހޯމް މިނިސްޓަރު އިމްރާނަށް ފާޑުވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމަށް ސަންސެޓް ގާނޫނެއް އެކުލަވާލައި މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި ކައުންސިލަރުންގެ ދައުރު ދިގުލައިގެން ދާތީ އެވެ. އެ ގާނޫނަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވަނީ އިސްލާހެއް ހުށަހެޅުއްވާފަ އެވެ.

އެ އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ލޯކަލް ކައުންސިލް ނިޒާމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމުގައެވެ. އަދި އެނިޒާމު ހިންގަން އެނގޭނީ އެމްޑީޕީއަށް ކަމުގައިވެެސް ޝަހީމް ވިދާޅުވިއެވެ. އަދި އޭނާ ޤަބޫލުކުރައްވާ ގޮތުގައި ޢަދާލަތު ޕާޓީން ވަޑައިގެން ހުންނެވި ބޭފުޅަކަށް ލޯކަލް ކައުންސިލް ނިޒާމު އެނގިވަޑައިނުގަންނަވާނެ ކަމުގައިވެސް ޝަހީމު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތައް ހަރަކާތްތެރިވާ ގޮތް ބަލައި ފާރަވެރިވުން ހަވާލުވެފައިވާ ލޯކަލް ގަވާމެންޓު އޮތޯރިޓީގެ ރައީސަކަށް ހުންނަވަނީ ހޯމް މިނިސްޓަރެވެ. މިހާރުގެ ހޯމް މިނިސްޓަރަކީ ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲއެވެ.

ޝަހީމް ވިދާޅުވީ ކޯލިޝަނެއް ހަދައިގެން ތިބި ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކަކީ ކޯލިޝަނުގައި ތިބި އެންމެން ޤަބޫލުކުރާނެ ސިޔާސަތުތަކެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޝަހީމު ވިދާޅުވީ ނިޒާމު ހިންގައިގަތުމުގެ މަސައްކަތް ފަށައިގަންނައިރު މިނިޒާމު ޤަބޫލުކުރާ މީހުން މިކަމުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!