ޚަބަރު

ޕޯޓަށް ވަންނަ ހުރިހާ ފަރާތްތަކަކީ ތަމްރީނު ލިބިފައިވާ ފަރާތްތަކަށް ހަދާނަން: ޝާހިދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އޮޕަރޭޓް ކުރަމުން އަންނަ ޕޯޓްގެ ބަނދަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެތަނަށް ވަންނަ ހުރިހާ ފަރާތްތަކަކީ ތަމްރީން ލިބިފައިވާ ފަރާތްތަކަށް ހަދާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާ ގުޅުން ހުރި ކަންކަމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޯޓަކީ އޭގެ ޒާތުގައި ނުރައްކާތެރި މަސައްކަތްތަކެއްކަން ފާހަގަ ކުރައްވާ ޝާހިދު ވަނީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޕޯޓަށް ވަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2019 ވަނަ އަހަރުން ފެށިގެން ރިސްކު އެސެސްމެންޓު ހަދާފައިވާނެ ކަމަށާއި ޕޯޓު ތެރޭގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީ ވެސް ވަކި ހާއްސަ ތަމްރީނެއް ފުރިހަމަ ކުރެވިފައިވާ ބަޔަކަށް ވުން ލާޒިމް ކުރަން އެ އަހަރު ތެރޭގައި ނިންމި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އެ އަހަރު ތެރޭގައި އެކުންފުނީގެ ހުރިހާ މުވައްޒަފުން އެ ޓްރެއިނިން ހަދަން ފެށި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވުނު އިތުރު ކަންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި "ޕޯޓް ސޭފްޓީ ވީކް" ގެ ނަމުގައި ޕޯޓުގެ ސޭފްޓީ އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ޕޯޓަށް ވަންނަ އެންމެންނަށް ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މި ކެމްޕޭނުގެ ތެރޭގައި ޕޯޓަށް ވަންނަ ހުރިހާ ފަރާތްތަކެއް ވެސް ޕޯޓް ސޭފްޓީ ގިއާ ފުރިހަމަކޮށްގެން ނޫނީ ނުވަދެވޭނެ ގޮތަށް ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެ ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެން މެންޑޭޓްކުރިން، ޕޯޓަށް ވަންނަ ހުރިހާ މީހުންގެ ސޭފްޓީ ގިއަރ ފުރިހަމަކުރަން. އެގޮތުން ހެލްމެޓާއި ސޭފްޓީ ހައި ވިޒިބިލިޓީ ވެސްޓާއި، ދިގު ފަޓޫލޫނާއި ސޭފްޓީ ޝޫސް އަށް އަރައިގެން ނޫނީ ޕޯޓަށް ނުވަދެވޭ ގޮތް ހެދިން"، ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ޕޯޓަށް ވަންނަ ހުރިހާ ފަރާތްތަކުން ބޭސިކް އިންޑަކްޝަން ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ނުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި ޕޯޓް އަށް ނުވަދެވޭނެ ގޮތަށް ނިންމި ކަމުގައި ޝާހިދު ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކުރި ލޮކްޑައުން އާއެކު އެ ޕްރޮގްރާމް ހިންގުމުގައި ލަސްތަކެއް ވެގެން ދިޔަ ނަމަވެސް މިހާރު އަލުން އެ އެޕްރޮގްރާމް ފަށާ، އެކުންފުނީގެ ހުރިހާ ސްޓާފުން އެ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖޫރީންގެ ރައްކާތެރިކަމަށްޓަކައި އެމްޕީއެލްއިން ސްޓޭންޑަރޑް އޮޕަރޭޓިންގް ޕްރޮސީޖަރތަކާއި ރިސްކް މެނޭޖްމެންޓް ވަރކްޝީޓްތައް އެކުލަވާލެވިފައިވީ ނަމަވެސް އޭގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައިވަނިކޮށް މިއަދު އެމްޕީއެލް އިން ވިދާޅުވީ، މަޖޫރިންގެ ރައްކާތެރިކަމަށްޓަކައި 30 އަށް ވުރެ ގިނަ އެސްއޯޕީ އެކުލަވާލާފައިވާ ކަމަށާއި އަދި އެ އެސްއޯޕީތައް ތަންފީޒު ކުރެވެމުން އަންނަ ކަމަށެވެ.

އަދި އެމްޕީއެލްގެ ސްޓާފުންގެ އިތުރުން ޕޯޓްގައި މަސައްކަތް ކުރާ މަޖޫރީ ގްރޫޕްތަކަށް އަމާޒުކުރެވިގެން ވެސް މި ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، މިހާތަނަށް 100 އަށް ވުރެ ކްލައިރިން ގްރޫޕުގެ މުވައްޒަފުން ތަމްރީނު ކުރެވިފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަމާޒަކީ މި ތަމްރީނު ފުރިހަމަކޮށް ކުރިއަށް އޮތް ހަ މަސް ތެރޭގައި ކުރިން، ފާސް ލިބި މިހާރު ވެސް ޕޯޓްއަށް ވަންނަމުން އަންނަ ފަރާތްތައް ޕްރޮގްރާމް ފުރިހަމަކުރުން ކަމަށެވެ، އަދި އަލަށް ވަންނަ އެއްވެސް މުވައްޒަފަކަށް، ނުވަތަ އަލަށް ފާސް ދީގެން ޕޯޓްއަށް ވަންނަ ފަރާތަކަށް ވެސް އެ ޕްރޮގްރާމް ފުރިހަމަކޮށްގެން ނޫނީ ޕޯޓް ތެރެއަށް ނުވަދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!