ޚަބަރު

އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށް އެކަން ހިނގާދިޔަގޮތް ހޯދުން މުހިންމު: ޒާހިރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ޗީފް ރިސްކް އޮފިސަރ އިބްރާހީމް ޒާހިރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

އެކްސިޑެންޓެއް ހިނގުމުން އަބަދުވެސް އިޙްމާލުވާ ފަރާތެއް ހޯދުމަށް އެކަކު އަނެކަކަށް އިނގިލި ދިއްކުރާ ކަމަށާއި ނަމަވެސް އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށް ފޯކަސް ކުރަންވީ އެކަން ހިނގިގޮތް ދިރާސާ ކުރުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ޗީފް ރިސްކް އޮފިސަރ އިބްރާހީމް ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އެތަނުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޒާހިރު ވިދާޅުވީ، އެކްސިޑެންޓެއް ހިނގުމުން، އެކަންވި ގޮތުގެ ރޫޓް ކޯސް އެނަލިސިސް އެއް ހެދިގެން ނޫނީ ކުރިޔަށް އޮތްތާންގައި އެފަދަ އެކްސިޑެންޓެއް ނުހުއްޓުވޭނެެ ކަމަށެވެ.

މިހެންކަމުން އެކްސިޑެންޓްތައް ހިނގުމުން، އެކްސިޑެޓް ތަޙްޤީޤް ކުރެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށާއި މަސައްކަތް ދާއިރާގައި ހިނގާ އެކްސިޑެންޓްތައް ތަޙްޤީޤް ކުރެވޭނީ އެކަމަށް ޚާއްސަ މިނިވަން މުއައްސަސާއެއް އުފެދިގެން ކަމަށެވެ.

"އޮކިއުޕޭޝަން ހެލްތް އެންޑް ސޭފްޓީ، މަސައްކަތް ދާއިރާގައި ހިނގާ އެކްސިޑެންޓްތައް އެންމެ ރަނގަޅަށް އިންވެސްޓިގޭޓްކޮށް އަދި އޭގެ ރޫޓް އެނަލިސިސްއެއް ހެދި އެކަމަށް ރިކޮމެންޑޭޝަން ދެވި ކުރިޔަށް އޮތް ތާންގައި އެފަދަ ކަންތައް ތަކުރާރު ނުވާނީ، އޮކިއުޕޭޝަން ހެލްތް އެންޑް ސޭފްޓީ އެކްޓެއްގެ ދަށުން ބޮޑީއެއްގެ ދަށުން މަސައްކަތް ކުރީމަ." ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެކި މުއްސަސާތަކުގައި އޮކިއުޕޭޝަން ހެލްތް އެންޑް ސޭފްޓީ އެކްޓެއް ގެނައުމަށް އެމްޕީއެލްގެ ބޯޑުން އެކި ފަހަރުމަތިން ދެންނެވި ކަމަށާއި ރާއްޖޭގައި އެންމެ ނުރައްކާތެރި އެއް މަސައްކަތް ކުރާ ބަޔަކަށް އެމްޕީއެލް ވީހިނދު މިފަދަ އެކްޓަކީ ފަރާތަަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އިންޑަސްޓްރީއަކަށްވެސް މިފަދަ އެކްޓެއް މުހިންމު ކަމަށާއި ރާއްޖޭގައި ސޭފްޓީއާ ބެހޭ ގޮތުން އިތުރަށް މަޢުލޫމާތު ފޯރުކޮށްދީ، ކޯސްތައް ހިންގަން ޖެހޭ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ހެލްތް އެންޑް ސޭފްޓީ ކޯސްތަކެއް ނުހިންގާ. ޑަބްލިއު އެޗްއޯ އިން ހަދާފައިވާ އެސެސްމެންޓް ވެސް ފާހަގަ ކުރޭ މިއީ ރާއްޖޭގައި އަޅާ ނުލާ ދާއިރާއެއްގެ ގޮތުގައި" އަލީ ޒާހިރު ވިދާޅުވީ މިކަންތައް ރަނގަޅު ކުރުމަށް އެކުގައި މަސައްކަތްކޮށް، އެކަކު އަނެކަކަށް އިނގިލި ދިއްކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ޒާހިރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަން މާނަ ކުރަނީ ހަމައެކަނި މަސައްކަތް ކުރާ ވަގުތު ދިމާވާ ކުއްލި މައްސަލަތަކަށް ނޫން ކަމަށާއި ދިގު މުއްދަތުގައިވެސް ވަޒީފާގެ މާހައުލުން ދިމާވާ ކަމެއްގެ ސަބަބުން ބަލި މަޑު ކަމާ ކުރިމަތިލާން ޖެހޭތަން އަންނަ ކަމަށެވެ. މިފަދަ މައްސަލަތައް ތަޙްޤީޤް ކުރަންވެސް ސޭފްޓީ އެކްޓެއްގެ މުހިންމުކަން ޒާހިރު ވަނީ ފާހަގަ ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!