"މިހާރު މަގުމަތިން ކާޅެއް ގޮވައިލިޔަސް ބުނެވެނީ ވޯޓެއް ދެއްޗޭ"
އާދައިގެ މަތިން މިއަދު ވެސް ހަވީރު ފިންޏަށް ބުރެއް ޖަހައިލަން ނުކުތީމެވެ. ލިޔުމުގެ ބުރަކަމުން ސިކުނޑިއަށް ލުޔެއް ދިނުމަށާއި، ސިކުނޑި ތާޒާ ކޮށްލުމުގެ ވެސް މަޤްސަދުގައެވެ.
މި ދުވަސްވަރަކީ އިންތިހާބެއް ބޯމަތި ވެފައިވާ ދުވަސްވަރެއް ކަމަށްވާތީ، ހިމަ ކަންވާރުގައި ދަމާލައިފައިވާ އެކި ކުލަކުލައިގެ ކުޑަ ދިދަތައް ވެސް ވަޔަށް ނަށަމުން ގެންދިޔައެވެ. އެއާއެކު ދަމާލައިފައިވާ ބެނަރ ތަކާއި އަހުރެންގެ އިސްކޮޅަށްވުރެ ވެސް ބޮޑެތި ޕޯސްޓަރުތައް ވެސް ފެނުނެވެ
އެ ހުރިހާ އެއްޗެއް ފެނިފައި އަހުރެން ހިތަށް އެރިއެވެ. ނޫނޭވާ މިއޮތީ އަނެއްކާ ވެސް ކެމްޕޭނުގެ ކުލަވަރު ފެށިފައެވެ. އިންތިހާބުގެ ވާހަކަތައް ހަމައެކަނި ޚަބަރެއްގައި އަހަރުމެން ނޫސްވެރިން ލިޔެލުމަކުން ނުނިމެއެވެ. ބޭރަށް ނުކުތުމުން ވެސް އެ މަންޒަރުތަކާ ކުރިމަތިލާން ޖެހެއެވެ.
މިކަންތައްތަކާ އިތުރަށް ފުންކޮށް ވިސްނައިލަމުން، އިންތިހާބަށް ކުރިމަތިލައިގެން އުޅޭ ކެނޑިޑޭޓުން މި ދުވަސްވަރު އުޅޭނީ ކިހިނެއްބާއޭ ވެސް ހިތަށް އެރިއެވެ.
އިއްތިފާގަކުން އެ ވަގުތު އަހަންނަށް އެކުވެރިއެއްގެ ކޯލެއް އައެވެ. އެއީ ރަށަކުން މި އިންތިހާބަށް ކުރިމަތިލައިގެން އުޅޭ ކެނޑިޑޭޓެކެވެ. އޭނާ ގުޅުމުން ހާލުއަހުވާލު ހަމަ އަހައިލިތަނުން އެހެން މީހަކު އޭނާއާ ވާހަކަ ދެއްކުމުން ޖަވާބު ދިން އަޑު އިވުނެވެ. އެމީހުންގެ އަމިއްލަ ވާހަކައެއް ދެއްކުމަށްފަހު ނިންމައިލަމުން އެކުވެރިޔާ އެ މީހާ ކައިރީގައި ބުނީ "ވޯޓެއް ދެއްވައްޗޭ" މިހެންނެވެ.
"ބަލަ، މިހާރު މީހަކު ސަލާން ގޮވައިލިޔަސް ބުނެވެނީ ވޯޓެއް ދެއްޗޭތަ؟" އެކުވެރިޔާ އެ މީހާއާ ވާހަކަ ދައްކައި ނިމިއްޖެކަން އެނގުމުން އޭނާއާ ދިމާކޮށްލުމުގެ ގޮތުން އަހަރެން އަހައިލީމެވެ.
"އާނ. މަގުމަތިން ކާޅެއް ގޮވައިލިޔަސް، ބޯ މަތިން ފްލައިޓެއް ދިޔަޔަސް މިހާރު ބުނެވެނީ ވޯޓެއް ދެއްޗޭ. މިއީ މިހާރު ހާލަކީ" އަހަރެން ކުރި މަޖަލުގައި ބައިވެރިވެ އޭނާ ވެސް ޖަވާބު ދިނެވެ.
އޭނާއާ ހީނ ސަމާސާ ކޮށްލުމަށްފަހު، އިންތިހާބަށް "ގުޑް ލަކް" އޭ ބުނެ ފޯނު ބޭއްވީމެވެ. ޑިއުޓީ ގަޑި އަދި ނުނިމޭތީ ގެއާ ދިމާލަށް ހިނގައިގަތް މަގުމަތީގައި ވެސް ފެނުނީ ކެނޑިޑޭޓަކު އިތުރު ދެ މީހަކާއެކު، ފައިލެއް ވެސް ހިފައިގެން ދޮރުން ދޮރަށް ހިނގައިތަނެވެ.
މީހުންގެ އިތުބާރު ހޯދުމަށް މި ދުވަސްވަރު އެ ކެންޑިޑޭޓުން މަސައްކަތް ކުރާނެ ވަރާއި، ވޯޓު ނުލިބިދާނެތީ ވިސްނައި ފިކުރު ކުރާނެވަރު އެކުވެރިޔާ ދެއްކި ވާހަކަތަކުން ވެސް ވިސްނެން ފެށިއެވެ.
އެ ބޭފުޅުންގެ ދިދަތަކާއި ބެނާތަކުގެ ހިޔަލުގައި މަޑު ހިނގުމެއްގައި ހިނގާލައިފައި އައިސް، ޚަބަރު ލިޔުމައިގެން އަނެއްކާ ވެސް ކުރިއަށްދާން ފެށީ އެ ބޭފުޅުންގެ ޚިޔާލުތަކެއް ސިިކުނޑި ތެރެއަށް ކޮންމެވެސް ވަރަކަށް ވައްދައިގެންނެވެ.