ދީން

އޭ އުޚްތާއެވެ. ތިބާގެ އަމިއްލަ ނަފްސަށާއި ފިރިމީހާއަށް އަނިޔާވެރި ނުވާށެވެ.

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން
އޭ އުޚްތާއެވެ. ތިބާގެ އަމިއްލަ ނަފްސަށާއި ފިރިމީހާ އަށް އަނިޔާވެރި ނުވާށެވެ.

ފިރިހެނަކަށް ހަތަރު އަނބިން އެއްފަހަރާ ގެންގުޅުމަކީ އިސްލާމްދީނުގައި ހުއްދަ ދެއްވާފައިވާ ކަމެކެވެ. މިކަމަށް އިންކާރު ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ޔަތީމުންނާ މެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ބިރުގެންފި ނަމަ އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްހަމަޖެހޭ ބަޔަކާ ކާވެނިވެ އިންނާށެވެ. ދޭކެވެ. އަދި ތިނެކެވެ. އަދި ހަތަރެކެވެ. ދެންފަހެ ތިޔަބައިމީހުންނަށް ޢަދްލުވެރި ނުވެވޭނެކަމަށް ހީވެ ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކުވެގެންވާ ބައެކެވެ. އެގޮތް ތިޔަބައި މީހުން ޙައްގުމަގުން އެއްކިބާ ނުވުމަށާއި، އަނިޔާވެރި ނުވުމަށް ގާތްކަން ބޮޑެވެ". (ސޫރަތުއް ނިސާގެ 3 ވަނަ އާޔަތް).

Ads by Sosun Fihaara

މި އާޔަތުން ވަރަށް ސާފުކޮށް ދޭހަ ވަނީ ފިރިހެނަކަށް އެއްފަހަރާ ހަތަރު މީހުންނާ އިނުމަކީ އިސްލާމް ދީން ހުއްދަ ދެއްވާފައިވާ ކަމެއް ކަމެވެ. މިކަމާ މެދުގައި މުޅި އުއްމަތް އިޖްމާޢުއެވެ. އެއްވެސް ޢިލްމުވެރިޔަކު މިކަމާމެދުގައި ޚިލާފުވެލައްވާފައެއް ނުވެއެވެ.

އެކަކަށް ވުރެ ގިނަމީހުންނާ އެއްފަހަރާ ކައިވެނި ކުރުމުގައި ޝަރްޠު ތަކެއްވެއެވެ.އެއީ:

އަނބީންގެ މެދުގައި ޢަދްލުވެރިވުން. މާތް ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. " ދެންފަހެ ތިޔަބައިމީހުންނަށް ޢަދުލުވެރި ނުވެވޭނެކަމަށް ހީވެ ތިޔަބައިމީހުން ބިރުގެންފިނަމަ އެކެކެވެ". އެހެންކަމުން އެކަކަށްވުރެ ގިނަ މީހުންނާ އެއްފަހަރާ އިނދެގެން އުޅޭ އިރުގައި އަނބީންގެ މެދުގައި ޢަދުލުވެރި ނުވެވޭނެ ކަމަށް ހީވެއްޖެނަމަ އިތުރު ކައިވެންޏެއް ކުރުމަކީ އެމީހެއްގެ ޙައްގުގައި މަނާކަމެކެވެ.

ޢަދުލުވެރިވުމޭ ބުނެވުނު ބަހުގެ މަގްޞަދަކީ ޚަރަދު ދިނުމުގައްޔާއި، އަންނައުނު ދިނުމުގައި، އަދި ރޭކުރުމުގައި ހުރިހާ އަނބީންގެ މެދުގައި އިންޞާފުވެރިކޮށް، ހަމަހަމަކޮށް ކަންތައް ކުރުމެވެ. ހިތުގެ ލޯބީގެ ވާހަކައެއް ނޫނެވެ. އެއީ އެއްވެސް އިންސާނަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ. ކީރިތި ގުރްއާނުގެ ނިސާ ސޫރަތުގެ 129 ވަނަ އާޔަތުގައި އެވާ "ތިޔަބައިމީހުން އެކަމުގެ މައްޗަށް ދަހިވެތިވެ ރައްކައުތެރި ވިނަމަވެސް، އަނބިންގެ މެދުގައި ޢަދުލުވެރިވުމަކަށް ކުޅަދާނަވެގެންނެއް ނުވެއެވެ" އޮތް ބަހުގެ މުރާދަކީ ހިތުގެ ލޯބީގެ ވާހަކައެވެ.

އަނބީންނަށް ޚަރަދު ކުރުމުގެ ކުޅަދާނަކަން ތިމާގެ ކިބައިގައި ހުރުން. މިކަމުގެ ދަލީލަކީ ކީރިތި ގުރްއާނުގެ ނޫރު ސޫރަތުގެ 33 ވަނަ އާޔަތެވެ. އާޔަތުގެ މާނައަކީ: "ކާވެނިވުމުގެ މަގެއް (ޚަރަދުބަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން) ނުފެންނަ މީހުން، ޢިއްފަތްތެރިވެގެން ހުންނަ ހުށިކަމެވެ. (ޢިއްފަތްތެރިވުމަކީ، ދީނީ އަދި އަޚްލާގީ ހަމަތަކުން މަނާވެފައިވާ ކަންތައްތައް ނުކޮށް ހުރުމެވެ). މާތް ﷲ އެކަލާންގެ ދީލަތިވަންތަކަމުގެ ތެރެއިން އެބައިމީހުން މުއްސަނދި ކުރައްވައި، އެކަން ފުއްދަވައި ދެއްވައިފުމަށް ދާންދެނެވެ". ކާވެނި ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވުމޭ ބުނެވުނު ބަހުގެ މުރާދަކީ އަނބިމީހާއަށް ޚަރަދު ކުރުމާއި ކައިވެނީގެ ރަންދިނުން ފަދަ ކަންތަކަށް ނުކުޅެދުންތެރިވުމެވެ. އެހެންކަމުން މިފަދަ މީހުން ކައިވެނި ކުރުމުގެ ބަދަލުގައި ރޯދަ ހިފުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރްޝާދު ދެއްވާފައިވެއެވެ.

އެކަކަށްވުރެ ގިނަ މީހުންނާ ކައިވެނި ކުރުމަށް ހުއްދަ ދެއްވުމުގެ ޙިކްމަތްތައް:

ގިނަމީހުންނާ ކާވެނި ކުރުމަކީ އުއްމަތުގެ ޢަދަދު ގިނަވުމަށް މަގުފަހިކޮށްދޭ ކަމަކަށް ވުން. އެކަކާ އިނދެގެން ލިބޭ ދަރިންނަށް ވުރެ ގިނަ ދަރިން ގިނަ މީހުންނާއި އިނުމުން ލިބޭނެކަން. ބުއްދިވެރި އެންމެންނަށް ވެސް އެނގޭނެ ފަދައިން އުއްމަތުގެ ކާމިޔާބީ ބިނާވެގެން ވަނީ އުއްމަތުގެ ބޯ ގިނަވުމުގެ މައްޗަށެވެ. އަދި އިގްތިޞާދު ވަރުގަދަ ވާނީ ވެސް މަސައްކަތްކުރާ މީހުން އިތުރުވުމުން ކަމަށް ވާތީއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަގޮތުން ދަރިން ގިނައިން ލިބުމުން ބިމުގެ ތާށިކަން އިތުރު ވެގެންދެއެވެ. އެހެން ނަމަވެސް ޙަގީގަތަކީ އެއެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ދަރިފުޅަކާ އެކު ވެސް އެ ކުއްޖެއްގެ ރިޒްގު ތަނަވަސް ކޮށްދެއްވައެވެ. އިންސާނުންނަށް އޮތީ އެ ރިޒްގު ހޯދުމަށް މަސައްކަތް ކުރުމެވެ. އަތް އުރާލައިގެން ތިބުމަކުން ރިޒްގެއް ނާންނާނެއެވެ. މިކަމުގެ އަލިގަދަ ހެއްކަކީ ޗައިނާއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ ޗައިނާއެވެ. މިއަދު ދުނިޔޭގެ އެންމެ އުފެއްދުންތެރިކަން ބޮޑު، އެންމެ ބާރުގަދަ އެއްގައުމަކީ ޗައިނާއެވެ. އެހެންކަމުން ދުނިޔޭގެ ބާރުތަކުން ޗައިނާއާ ކުޅެލުމަށް ޖެހިލުންވެއެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ފިރިހެނުނަށްވުރެ އަންހެނުންގެ އާބާދީ ބޮޑެވެ. ކޮންމެ ފިރިހެނަކު ވެސް އެންމެ އަންހެނަކާއި ކައިވެނި ކޮށްލައިގެން ފުއްދާލައިފިނަމަ، މުޖްތަމަޢުގައި ފިރިޔަކު ނެތި އެތައް އަންހެނުންނެއް ތިބޭނެއެވެ. އެކަނބަލުންގެ ޢިއްފަތްތެރިކަން ސަލާމަތްކޮށްދޭނެ ފިރިހެނަކު ނުވެ، މަގުމަތީގައި ބިޗާރީވެގެން އުޅެން ޖިހިދާނެއެވެ. މީގެ ސަބަބުން އެކަނބަލުންގެ އެތައް ޙައްގުތަކެއް ގެއްލި، މުޖްތަމަޢު ފާސިދުވެގެން ހިނގައިދާނެއެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއްގެ މާނައިގައިވެއެވެ."ތިޔަބައިމީހުންގެ އަމިއްލަ ނަފްސަށް ކުރާ ލޯބި އަނެއް އަޚާ އާ މެދު ވެސް ކުރުމަށް ދާންދެން ފުރިހަމަ އަށް އީމާންވި ކަމުގައި ނުވާނެއެވެ".

ފިރިހެނުންނަކީ ޙާދިޘާތަކާ ކުރިމަތިވުން ގާތް މީހުންނެވެ. ދިރިއުޅުމަށް ބުރަ މަސައްކަތްކޮށް، ހަނގުރާމައިގެ މައިދާނުގައި ބައިވެރިވާން ޖެހެނީ ވެސް ފިރިހެނުންނަށެވެ. މިހެން އުޅުމުގެ ތެރޭގައި ފުރާނަ ގެއްލިއްޖެނަމަ، އަނބިމީހާ ހުވަފެންވެ، ދަރިންކޮޅު ޔަތީމުވެ ކަންތައްތަކެއް މެދުވެރިވާނެއެވެ. މިފަދަ ކަންތަކުގައި އޮތް ޙައްލަކީ ފިރިހެނުން އިތުރު ކައިވެންޏެއް ކުރުމެވެ.

ފިރހެނުންގެ ތެރޭގައި ޝަހުވަތްތެރިކަން ވަރުގަދަ މީހުން ހިމެނޭކަން. އެފަދަ މީހުންނަށް އެންމެ އަނތްބަކު ނުފުދޭކަން. މިފަދަ މީހެއްގެ ގާތުގައި އިތުރު ކައިވެންޏެއް ކުރުމުގެ ދޮރުވަނީ ބަންދުކުރެވިފަޔޭ، އިތުރުމީހަކާ ނީދެވޭނެޔޭ ބުނެފިނަމަ، އޭނާގެ ޙަޔާތުގައި ބޮޑު މުޞީބާތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ޙަރާމް ކުރެއްވި ޒިނޭއަށް އަރައިގަތުމަށް މަގުފަހިވެގެންދާ ކަމަކަށް ވެއެވެ. ވުމާ އެކު، މިފަދަ ކަންތަކުން ސަލާމަތްވުމަށްޓަކައި، ފިރިހެނުން އިތުރު މީހުންނާ ކައިވެނި ކުރުން ހުއްދަ ވެގެންވެއެވެ. މީގެ އިތުރުން އަންހެނުން ޙައިޟު ވެއްޖެނަމަ، ނުވަތަ ވިހައިފިނަމަ، ލޭ ކެނޑެންދެން ޖިމާޢު ނުވެ ހުންނަން ޖެހެއެވެ. މިދުވަސްވަރުގައި ޖިމާޢުވުމަކީ ޙަރާމް ކަމަކަށް ވީތީވެއެވެ. އަދި ޞިއްޙީ ގޮތުންވެސް ގެއްލުން ހުރި ކަމަކަށް ވީތީވެއެވެ. މިދުވަސްވަރުގައި ފިރިމީހާގެ އެދުން ފުއްދުމަށް އިތުރު އަނތްބަކު ބޭނުންވެއެވެ.

އިތުރު މީހުންނާ އިނުމަކީ އިސްލާމް ދީން އައުމުގެ ކުރިން އެހެން އުއްމަތްތަކުގައި ވެސް އޮތް ކަމެކެވެ. ބައެއް ނަބީބޭކަލުން ވެސް އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނި ބައްލަވައިގެންފައި ވެއެވެ. ސުލައިމާނު-ޢަލައިހިއްސަލާމް- ގެ ނުވަދިހަ އަނބިކަބަލުން ތިއްބަވައެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި ބައެއް ޞަޙާބީން އިސްލާމްވެ ވަޑައިގެންނެވި އިރުގައި އަށް އަނބިން، އަނެއްބައި ބޭކަލުންގެ ފަސް އަނބިން ތިއްބެވިކަމަށް ވެއެވެ. އެހިނދު ހަތަރު އަނބިން އިޚްތިޔާރު ކުރުމަށްފަހުގައި އެހެން އަނބިން ވަރި ކުރުމުމަށް ކީރިތި ރަަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވިއެވެ.
ފަހަރުގައި އަނބިމީހާއަކީ ދަރިން ނުލިބޭ މީހަކަށް ވުން އެކަށީގެންވެއެވެ. ނޫންނަމަ، ޖިންސީގޮތުން ބަލިކަށި، ނުވަތަ ބައްޔެއް ހުރުމުގެ ސަބަބުން ފިރިމީހާ ބޭނުންވަރަށް އެދުން ފުއްދައިދޭން ޢުޛުރުވެރި އަންހެނަކަށް ވެދާނެއެވެ. ފިރިމީހާ ދަރިން ބޭނުންވެއެވެ. އަދި ޙަލާލު ގޮތުގައި އޭނާގެ އެދުން ފުއްދުމަށް ވެސް ބޭނުންވެއެވެ. މިކަމުގައި އޭނާއަށް އޮތް ހަމަ އެކަނި މަގަކީ އިތުރު ކައިވެންޏެއް ކުރުމެވެ. އަނބިމީހާއަށް ވެސް ފައިދާ ބޮޑު ގޮތަކީ ވަރިނުވެ އަނތްބެއްގެ ގޮތުގައިހުރެ، ފިރިމީހާ އިތުރު މީހަކާ ކައިވެނި ކުރުމަށް ހުއްދަ ދިނުމެވެ.
ފަހަރުގައި ދެއަނތްބަށް އިންނަން ބޭނުންވާ އަންހެންމީހާ އަކީ ފިރިމީހާގެ ގާތްތިމާގެ މީހަކު ކަމުގައި ވެދާނެއެވެ. އެެއަންހެންމީހާ އަށް ޚަރަދު ކުރާނެ މީހަކު ނެތެވެ. ނޫންނަމަ އެއަންހެން މީހާ އަކީ ފިރިމަރުވެފައިވާ މީހެކެވެ. އެހެންކަމުން މިފަދަ މީހުންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން އަނތްބެއްގެ މަގާމު ދެވެނީއެވެ. މިޙާލަތުގައި އޭނާއަށް ޚަރަދު ދެވި، އަދި އޭނާގެ ޢިއްފަތްތެރިކަން ވެސް ސަލާމަތް ކޮށް ދެވެނީއެވެ. އޭނާ އަށް ޚަރަދު ދީފައި ދޫކޮށްލުމަށް ވުރެ މިގޮތް މާ އައުލާ ކަން ބޮޑެވެ.

ދެޢާއިލާ އިތުރަށް ގުޅުވާލުން. އިތުރުވމީހަކާ ކައިވެނި ކުރުމުން، އިތުރު ޢާއިލާ އަކާ ގުޅެވެނީއެވެ. މި ވެސް މުޖްތަމަޢުގެ ހަމަޖެހުން އިތުރުވުމަށް އެޅިގެންދާނެ އިތުރު ބާރަކަށްވާނެއެވެ.

ފަހަރުގައި ބައެއް މީހުން މިކަމަށް އިޢުތިރާޟުކޮށް ބުނެފާނެއެވެ. ގިނަ މީހުންނާ އިނުމަކީ އަނބީންގެ މެދުގައި މައްސަލަގަނޑެއް އުފެއްދުމެވެ، އަދި އޭގެ ސަބަބުން ދެއަނބިންގެ މެދުގައި ޢަދާވާތްތެރިކަން އުފެދި ދަރިންނަށް އޭގެ ނޭދެވޭ އަސަރު ކުރުވާނެ ކަމެކެވެ. އެހެންކަމުން މިފަދަ ކަންތައްތައް މަނާ ކުރެވޭނީ އިތުރު މީހުންނާ އިނުން މަނާ ކުރެވިގެންނެވެ.

މި އިޢުތިރާޟު ގެ ޖަވާބުގައި ބުނަން އޮތީ: އެންމެ އަނތްބެއް ހުރި ނަމަވެސް ޢާއިލާތެރޭގައި މައްސަލަ ޖެހިދާނެއެވެ. އެއީ ހަމައެކަނި އިތުރު އަނބިން ތިބުމުގެ ސަބަބުން ވާ ކަމެއް ނޫނެވެ. އިތުރު އަނތްބަކު ހުރުމުން ހަމަނުޖެހުން ބޮޑުވާނެކަމަށް ހީކުރެވެނީ ނަމަ ދަންނަން ޖެހޭ ޙަގީގަތަކީ ދުނިޔޭގެ ދިރިއުޅުމުގައި ހިތްއެދޭ ކަންތަކާއި ހިތްނޭދޭ ކަންތައް ވެސް މެދުވެރިވާނެއެވެ. އެހެން ނަމަވެސް، މިހުރިހާ ކަމެއް ތަޙައްމަލުކޮށް، ރިވެތި ގޮތުގައި އުޅެވޭތޯ ގަދަައަޅައި މަސައްކަތް ކުރުމަކީ ލާޒިމް ވެގެންވާ ކަމެކެވެ. އަދި ދެގެއްލުން ލިބެން އޮތްނަމަ ކުޑަ ގެއްލުމުގައި ހިފައި ބޮޑު ގެއްލުން ނެތިކޮށްލަންޖެހެއެވެ. ފިރިމީހާ ޙަރާމް ޒިނޭ ކުރުން އިތުރު މީހަކާ އިނދެގެން އުފެދޭ މައްސަލައަށް ވުރެ ބޮޑެވެ.

އެހެން އިޢުތިރާޟެއް ވެސް އަތުވެދާނެއެވެ. އެއީ: ފިރިހެނުންނަށް އެއް އަނތްބަށްވުރެ ގިނައިން ހުއްދަވާއިރުގައި، އަންހެނުންނަށް އެއްފަހަރާ ދެފިރިހެނުންނާ އިނުން ހުއްދަ ނުވަނީ ކީއްވެ ހެއްޔެވެ؟
މީގެ ޖަވާބުގައި ބުނަން އޮތީ: އަންހެނުން އެއްފަހަރާ އެކަކަށް ވުރެ ގިނަމީހުންނާ ކާވެނި ކުރުމަށް ހުއްދަ ދިނުމަކީ އެކަބަލުންގެ ގަދަރާއި ޢިއްޒަތަށް ކުރެވޭ ބޭއިންޞާފެއް ކަމަށެވެ. އަދި އެކަމަނާގެ ދަރިފަސްކޮޅުގެ ނަސަބު އޮޅިގެން ހިނގައިދާ ފަދަ ކަމެކެވެ. އެތައް ފިރިހެނުންނެއް އޭނާއާ ޖިމާޢުވާ ކަމަށް ވަނީ ނަމަ އޭނާގެ ރަޙިމުގައިވާ ދަރިފުޅަކީ ކާކުގެ ދަރިއެއް ކަމެއް ނޭގޭނެއެވެ. އެހެންކަމުން ޢާއިލާ ފުނޑުފުނޑުވެ ހަލާކުވެގެން ހިނގައިދާނެއެވެ. އަދި ދަރިފުޅާއި ބައްޕައާ އޮންނަންވީ ގުޅުން ގެއްލިގެން ހިނގައިދާނެއެވެ. މިކަމަކީ އަންހެން މީހާގެ މަޞްލަޙަތެއް، ދަރިފުޅުގެ މަޞްލަޙަތެއް، އަދި މުޖްތަމަޢު ގެ މަޞްލަޙަތެއް އެކުލެވިގެންވާ ކަމެއް ނޫނެވެ. މިހުރިހާ ސަބަބު ތަކަކަށް ޓަކައި އިސްލާމް ދީނުގައި މިކަން ވަނީ މަނާ ކުރައްވާފައެވެ.والله أعلم.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!