ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: ޝަރީފް
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިހެން ވިދާޅުވެފައި ވަނީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެންމެ ފަހުގެ ތަފްސީލްތަކާ ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރައްވަމުންނެވެ.
ޝަރީފް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ބޭރުގައި ބަހައްޓަން ޖެހޭ ވޯޓުފޮށިތައް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި އިންޑިޔާއާއި ސްރީލަންކާގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު އެކަމުގެ މާ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ލިބެންޖެހޭ ހުއްދަތައް ލިބުމުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ދެ ޤައުމަށް ގޮސް ކޮމިޝަނުން ބޭނުންކުރާ އޮފިޝަލުން ތަމްރީންކޮށް ދުރާލައި ތައްޔާރުވުމަށް އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.