އޮމަދޫގައި ޕޮލިސް ޕޯސްޓެއް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށައިފި

އދ.އޮމަދޫގައި ޤާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
އޮމަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް އޮފިސަރުންނާއި އޮމަދޫ ކައުންސިލް މެމްބަރުން ބައިވެރިވިއެވެ. މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު ޕޯސްޓެކެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތް ދޭންވާނީ ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް އެޚިދުމަތް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށް ކަމަށް ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އޮމަދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމާއެކު، އދ.މަހިބަދޫން ފުލުހުން އެ ރަށަށް ގޮސްގެން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ދިއުމަށް ނިމުން އައިސް، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރު ކޮށްދެވިގެން ދާނެކަމަށެވެ.