ސައިފް ގެ ސިކުނޑި ވަރަށް ބޭނުން: ކަރީނާ
ފިރިމީހާ ސައިފް އަލީ ޚާންގެ ސިކުނޑި ވަރަށް ބޭނުންވާ ކަމަށް ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ތަރިންގެ އަތުން ކަރީނާ ބޭނުމީ ކޯއްޗެއްތޯ ކުރި ސުވާލަށް ޖަވާބު ދެމުން ކަރީނާ ބުނީ ސައިފް ގެ އަތުން އެއްޗެއް އޭނާ ނަގާނަމަ ބޭނުމީ ސައިފްގެ ސިކުނޑި ކަމަށާއި ސައިފް އަކީ ވަރަށް ވިސްނުން ތޫނު މީހެއް ކަމަށެވެ.
އަދި ސައިފް ގެ އެހެން އެއްޗެއްސަކީ އޭނާ ގެ ވެސް އެއްޗެހި ކަން ކަރީނާ ފާހަގަކުރިއެވެ.
މީގެ އިތުރުން ސަލްމާން ގެ އަތުން ބޭނުން ވަނީ ކޯއްޗެއްތޯ އެހުމުން ކަރީނާ ބުނީ ބޭނުން ވަނީ ސަލްމާންގެ ފޭނުން ކަމަށެވެ.
އަދި ޝާހުރުކްގެ ލަންޑަންގައި ހުންނަ ގެ ވަރަށް ކަމުދާ ކަމަށާއި ޝާހުރުކު އަތުން ބޭނުން ވަނީ އެ ގެ ކަމަށް ކަރީނާ ބުނެފައިވެއެވެ.
ހަމައެހެންމެ ބޮލީވުޑުގެ އަންހެން ތަރިންގެ ތެރެއިން ޕްރިޔަންކާގެ އަތުން އޭނާ ބޭނުން ވަނީ ޕްރިޔަންކާގެ އަޑު ކަމަށާއި ދިޕިކާގެ އަތުން އޭނާ ބޭނުން ވަނީ އޭނާގެ ހިނިތުންވުން ކަމަށް ވެސް ކަރީނާ ބުނެފައިވެއެވެ.