ރިސޯޓްތައް ފިޔަވައި ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވައިފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެ ނޫން ވެސް ތަކެތި ރަށްރަށް ފޮނުވާ ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ވޯޓުލާ ހުރިހާ މަރުކަޒަކަށް ބޭނުންވާ ވޯޓު ފޮއްޓާއި ކަރުދާސް އަދި އެނޫން ވެސް ތަކެތި ރިސޯޓްތައް ފިޔަވާ އެހެން ހުރިހާ މަރުކަޒުތަކަށް ފޮނުވާ ނިމިފައިވާ ކަމަށާއި މާދަމާގެ ނިޔަލަށް ރިސޯޓްތަކަށް ވެސް ތަކެތި ފޮނުވައި ނިންމަވާލެއްވޭނެ ކަމަށެވެ.
ހަސަން ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަކަށް ވެސް ތަކެތި ފޮނުއްވައިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ބޭއްވުމަށް ފުރަތަމަ ހަމަޖެއްސި މި އިންތިޚާބުގައި 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެން ވެއެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު މި އަހަރަށް ފަސް ކުރުމުން، އެ މުއްދަތުގެ ތެރޭގައި 18 އަހަރު ފުރުނު މީހުންނެވެ.