ކާޖޮލްއަށް ކަކުންޏާއި، ބޮކާއި، ފިނިހަކަ ވަރަށް މީރު
އެކި މީހުންނަށް މީރު ވާނީ އެކި ވައްތަރުގެ ކާ އެއްޗިއްސެވެ. އާންމު ގޮތެއްގައި އަހަރެމެން ކައި އުޅޭ ކާ އެއްޗެހީގެ އިތުރުން، ހިތަށް ވެސް ނުގެނެވޭ ފަދަ އެއްޗެހި ކާހިތްވާ މީހުން ވެސް އުޅެއެވެ.
ބޮލީވުޑްގެ އެކްޓްރެސް ކާޖޮލްއަކީ އެކަހަލަ މީހެކޭ ވެސް ބުނެވިދާނެއެވެ. އިންޑިއާގެ މީޑިއާއަކުން ގެނެސްދޭ ޕްރޮގްރާމެއް ކަމަށްވާ "ސަންޑޭ ބްރަންޗް" ގެ މެހެމާނެއްގެ ގޮތުގައި އަޖޭއާއި ކާޖޮލް ބައިވެރިވެ، ކާ އެއްޗެއްސާ ބެހޭ ގޮތުން ވަނީ ބައެއް ވާހަކަތައް ދައްކައިފައެވެ.
އެ ގޮތުން ކާޖޮލްއަށް އަދި މިހައިތަނަށް ކެވުނު އެންމެ ތަފާތު ނުވަތަ އާދަޔާ ޚިލާފު ކާނާއަކީ ކޮބައިތޯ އެ ޕްރޮގްރާމްގެ ހޯސްޓު ސުވާލު ކުރުމުން ކާޖަލް ބުނީ އެއީ ފިނިހަކަ (ސްނެއިލް) އާއި ބޮއް ކަމަށެވެ. ކާޖޮލްއަށް ފިނިހަކައާއި ބޮއް ވަރަށް މީރު ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ކާޖޮލް ބުނީ އޭނައަށް ކަކުނި ވެސް ވަރަށް މީރު ކަމަށެވެ. އަދި އަޖޭ ގޭގައި ނުހުންނަ ބައެއް ދުވަސް ދުވަހު، އަޖޭގެ މަންމައާއި ބައިވެރި ވެގެން ވަރަށް ގިނައިން ކަކުނި ކާ ކަމަށް ވެސް ކާޖޮލް ބުނެފައިވެއެވެ.
އެ އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން ކާޖަލް ބުނީ އޭނާއަށް ކައްކާކަށް ނޭނގޭ ކަމަށާއި އެހެން ނަމަވެސް އަޖޭއަކީ ކައްކަން ވަރަށް މޮޅު މީހެއް ކަމަށެވެ. އެ ދެމަފިރިންނަށް އެކުގައި 26 އަހަރު ހޭދަ ކުރެވުނީ ވެސް އެހެންވެ ކަމަށާއި އެކަކަށް ނޭނގޭ ކަންކަން އަނެކަކު ފުރިހަމަ ކޮށްދެނީ ކަމަށް ވެސް ކާޖޮލް ބުނެފައި ވެއެވެ.