ޚަބަރު

އެއާޕޯޓްތަކުގައި ކޮރޯނާ ވައިރަސް އަށް ސްކުރީން ކުރުން ވަރުގަދަ ކުރަން ޖެހޭ: ޑރ. ނިޔާފް

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަން މިހާރު ފަށާފައި ވާތީ، ރާއްޖެއަށް ބަލި އެތެރެވުމުގެ ފުރުސަތު އޮތުމުން، އެއާޕޯޓުތަކުގައި ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަ ކުރުމަށް ޑރ. އަބްދުﷲ ނިޔާފު ގޮވާލައްވައިފިއެވެ.

Ads by STELCO

މިހާތަނަށް އެ ބަލި ޖެހިފައިވާ 440 މީހުން ފެނިފައިވާއިރު، ނުވަ މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ޗައިނާގެ އިތުރުން ޖަޕާނާއި ތައިލޭންޑް އަދި ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ބަލި ޖެހިފައިވާ މީހަކު މިހާރު ވަނީ ފެނިފައެވެ.

ޑރ. ނިޔާފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގައުމުތަކުން މިހާރު ފިޔަވަޅުތައް ވަރުގަދަކޮށް އެ ފިޔަވަޅުތައް އިއުލާންކޮށްފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި ވެސް ފިޔަވަޅުތައް އަޅައި އެކަން ރަސްމީކޮށް އިއުލާން ކުރަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި، ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރެވެމުންދާކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

ޑރ. ނިޔާފް އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރުވެސް ހުމަށް ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އެ ސިސްޓަމް ބޭނުން ކުރަމުން އަންނަކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، މި ބަލި ރާއްޖެއަށް ފެތުރިދާނެކަމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލަފާދީފައެވެ.

އެޗްޕީއޭ އިން ބުނީ ޗައިނާގައި މި މި ވައިރަސް އައުޓްބެރޭކްވި ސަރަހައްދަކީ ސީފުޑާއި ޖަނަވާރު ވިއްކާ މާރުކޭޓު ސަރަހައްދެއް ކަމަށެވެ. އަދި މި ބަލި ޖެހިފައި ވަނީ އެ މާރުކޭޓުގައި މަސައްކަތް ކުރާ މީހުންނަށާއި އެ މާރުކޭޓަށް ޒިޔާރަތް ކުރާ މީހުންނަށް ކަމަށް ވެސް އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ.

އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތް ހާމަކޮށްފައެވެ. އެގޮތުން ދޫނިސޫފާ ސޫތްޕާއި ޖަނަވާރު ގެންގުޅޭ ނުވަތަ ވިއްކާ އަދި ކަތިލާ ސަރަހައްދު ތަކަށް ނުދިއުމާއި މި ވައިރަސްގެ ސަބަބުން ބަލިވެފައިވާ މީހުން ކައިރީ ނުއުޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އަދި ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަ އާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މި ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ. އަދި ފަހުން ނިއުމޯނިޔާއަށް ބަދަލުވެ އެވެ. ބަލީގެ ނިޝާންތަކަކީ ކެއްސުމާއި ހުން އައުމާއި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!