ވަކި ފިކުރަކަށް ވަކި ކުލައަކަށް ނުބަލައި އެއްބައިވަންތަ ދާއިރާއަކަށް މާފަންނު ދެކުނު ހަދާނަން: އައްލޮ
އެއްބައިވަންތަ ދާއިރާއަކަށް މާފަންނު ދެކުނު ހައްދަވާނެ ކަމަށް މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އަބްދުﷲ ނާސިރު (އައްލޮ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޓިކެޓްގައި މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ނަންބަރު 6 އައްލޮ ވިދާޅުވީ މާފަންނު ދެކުނު ދާއިރާއަކީ "އެއްބައިވަންތަ ދާއިރާ" އަކަށް ހެދުމަށް، އެ ދާއިރާއިން އިޚްތިޔާރު ކުރަންވީ ވަކި ފިކުރެއް ވަކި ކުލައެއް ތަފާތު ނުކުރާނެ މަންދޫބެއް ކަމަށެވެ.
"ސިޔާސީ ހިޔާލު ތަފާތު ވުމަކީ އަޅުގަނޑުމެން ބައިބާ ވާންވީ ކަމެއް ނޫން. އަވަށުގެ ކުރިއެރުމަށް އަޅުގަނޑުމެން އެކަތިގަނޑަކަށް ވާނެ. މިއީ އަޅުގަނޑުމެން އުޅެ ބޮޑުވި ސަރަހައްދު، އެ ކުލުނު އެކަކު އަނެކަކަށް ޔަގީނުން ވެސް ހުންނާނެ" އައްލޮ ވިދާޅުވިއެވެ.
އައްލޮ ވިދާޅުވީ ޒާތީ ތާޢައްސުބުން އެއްކިބާވެ ހައްޤު ހޯދުމަށް މަސައްކަތް ކުރުމަކީ އޭނާގެ އަމާޒު ކަމަށާއި ﷲ އިރާދަ ކުރެއްވިއްޔާ އެކަން ސާބިތު ކޮށްދެއްވާނެ ކަމަށެވެ. ސިޔާސީ ވާދަވެރިކަމާއި ހެދި އަވަށުގެ ކުލުނު ނެތެމުންދާ ދުވަސްވަރެއްގައި އައްލޮގެ އަމާޒަކީ ދާއިރާ އެއްބައިވަންތަ ކުރުން ކަމަށާއި އަވަށުގެ ތަރައްގީއަށް ހުރިހާ އެންމެ އެކުގައި މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދުތަކެއް އަބަދުވެސް އޮވޭ މާފަންނާ މެދު. އެންމެ ކުރިންސުރެ ވަރަށް ގާތްކަމެއް އޮވޭ އަވަށު މީހުންނަށް، އެހެންވެ އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ދާއިރާއަށް ކަމެއް ކޮށްދޭން. އެކަމަށް ވަރަށް ކުރިންސުރެ ވިސްނަމުން އައީ. ދާއިރާއާ މެދު އަޅުގަނޑުގެ އޮތް ތަސައްވަރު ހަގީގަތަކަށް ހަދަން ފުރުސަތެއް ލިބުން އެއީ އަޅުގަނޑުގެ އެދުން." އައްލޮ ވިދާޅުވިއެވެ.
އައްލޮއަކީ މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ އެކުވެރި މޫނެކެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް އައްލޮއާ ހިނިތުންވުމާ އެކު ވާހަކަ ދައްކާ މީހުން ގިނަ ވުމަކީ އޭގެ ހެއްކެކެވެ.
މާފަންނު ދިރޭރާމްގެ އަބްދުﷲ ނާސިރު (އައްލޮ) އަކީ ޖަމިއްޔަތުއް ފަލާހުގެ ބާނީ ކަމުގައިވާ އަބޫބަކުރު އިބްރާހިމް، (ވައިތެޔޮ އަބޫބަކުރު) އާއި ޝަރީފާ މުހައްމަދު ގެ ދަރިއެވެ. އައްލޮ އަކީ މިހާރު ވެސް ޖަމިއްޔަތުއްފަލާހުގެ ބޯޑު މެމްބަރެކެވެ.