"ކޮވިޝީލްޑް" ވެކްސިންގެ އަގަކީ 1000 ރުޕީސް، ޑިސެމްބަރުގެ ކުރިން އުފެއްދޭނެ- އިންޑިއާ
ފެތުރެމުން އަންނަ ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގޮތުން އިންޑިއާއިން އުފައްދާ ވެކްސިންގެ މައުލޫމާތު އެޤައުމުން އާއްމު ކޮށްފިއެވެ.
ކޮވިޑާއި ދެކޮކޮޅަށް އެކި ޤައުމުތަކުން ވެކްސިން އުފައްފަމުން ދާއިރު އެންމެ އެދެވޭ ނަތީޖާއެއް އަދި ފެނުފައިވަނީ އޮކްސްފޯޑުން އުފައްދާ ވެކްސިނުންނެވެ.
އިންޑިއާއިން ވެސް ވަނީ އަސްޓްރާޒެނެކާ އަދި އޮކްސްފޯޑާއި ގުޅިގެން ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން މިވަނީ އެޤައުމުން އުފައްދާ ވެކްސިނަށް ކިޔާ ނަމާއި، އަގު އަދި އުފެއްދޭނެ ކަމަށް ލަފާ ކުރާ ސުންގަޑި ވެސް އާއްމުކޮށްފައެވެ.
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އާދަރް ޕޫނަވާލާ އިއްޔެ ބުނެފައިވަނީ އިންޑިއާއިން ކޮރޯނާ ވައިރަހާއި ދެކޮޅަށް އުފައްދާ ވެކްސިނަށް ކިޔަނީ "ކޮވިޝީލްޑް" ކަމަށާއި އަގަކީ 1000 ރުޕީސް ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ކުރިން އެވެކްސިން ތައްޔާރު ވާނެ ކަމަށް ވެސް އާދަރް ވަނީ ބުނެފައެވެ.
މީގެ އިތުރުން އާދަރް ބުނީ އެވެކްސިން ވިއްކާނީ އިންޑިއާ އަށާއި ދުނިޔޭގެ އެހެން ޤައުމުތަކަށް ކަމަށެވެ. އެގޮތުން 50% އިންޑިއާގައި ވިއްކާއިރު އަނެއް 50% ދުނިޔޭގެ އެހެން ޤައުމުތަކަށް ވިއްކާ އެކްސްޕޯޓް ކުރާނެ ކަމަށް ވެސް ބުންޏެވެ.
"ކޮވިޝީލްޑް" ވެކްސިންގެ 3 ނުވަތަ 4 ޑޯޒް މިއަހަރު ނިމުމުގެ ކުރިން އުފެއްދޭނެ ކަމަށް ވެސް އާދަރް ބުނެފައިވެއެވެ.