ރިޕޯޓް

ކައުންސިލް އިންތިޚާބު ސަަރުކާރު ހިންގާ ޕާޓީއަށް އަދި ކާމިޔާބު ވެފައެއް ނެތް، މިފަހަރު ވާނީ ކިހިނެތް؟

މުޙައްމަދު އަރީޙް ، ދެން އޮންލައިން
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމުމުގެ ގޮތުން އއ.ރަސްދޫ ބަނދަރުގައި ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ/ އެމްޑީޕީ

ވާދަވެރި ކެންޕެއިނެއް ނިންމާލައިފިއެވެ. ކަންނެލި އޮޑިފަހަރު މަތިންނާއި މަގުތައް މަތިންނެވެ. ބޮޑު ސުވާލު އޮތީ ކުރިމަތީގައެވެ. ކަން ވާނީ ކިހިނެތް ހެއްޔެވެ؟ މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ގޮނޑި ނަގާނީ ކޮންބައެއް ހެއްޔެވެ.

Ads by Sosun Fihaara

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ދިވެހިން ބަލަ ބަލާ މިތިބީ މިއީ ދައުރުގެ މެދު ތެރެއިން ބާއްވާ އިންތިޚާބަކަށް ވުމާވެސް އެކުގައެވެ. ވިދި ވިދިގެން 3 އިންތިޚާބު ކާމިޔާބުކޮށް ހެޓްރިކް ހެދި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީއަށް އިތުރު އިންތިޚާބެއް ކާމިޔާބު ވާނެތޯ ދިވެހިން މިއަދު ސުވާލު އުފައްދައެވެ. މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރާ ޕާޓީއަކަށް ލޯކަލް ކައުންސިލް އިންތިޚާބެއް ކާމިޔާބު ކުރެވިފައި ނުވުމަކީ ދިވެހިން މި ސުވާލު ކުރިމަތި ކުރުވާ އެންމެ ބޮޑު އެއް ސަބަބެވެ.

ސަރުކާރަށް އަދި ކާމިޔާބު ކުރެވިފައެއް ނުވޭ!

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯކަލް ކައުންސިލް އިންތިޚާބެއް ބާއްވާފައި ވަނީ 2011 ވަނަ އަހަރުގައެވެ. އެމްޑީޕީން 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ނަމަވެސް، 2011 ވަނަ އަހަރު އިދިކޮޅުގައި އޭރު އޮތް ޑީއާރްޕީން ވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ. އެއީ 502 ގޮނޑިއާއި 295 ގޮނޑީގެ ތަފާތަކުންނެވެ. އޭގެ ފަހުން ރާއްޖޭގައި އޮތް ކައުންސިލް ދެ އިންތިޚާބު ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. މިގޮތުން 2014 ވަނަ އަހަރު އިދިކޮޅުގައި އޮވެ، 462 ގޮނޑި އެމްޑީޕީން ނެގިއިރު، އެފަހަރު ޕީޕީއެމްއަށް ލިބިފައި ވަނީ 275 ގޮނޑިއެވެ. 2017 ވަނަ އަހަރު އޮތް އިންތިޚާބުގަައި ބޮޑުތަނުން އެމްޑީޕީއިން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. މިގޮތުން އެ އިންތިޚާބުގައި ޕީޕީއެމްއަށް 193 ގޮނޑި ލިބުނުއިރު، އިދިކޮޅުގައި އޮތް އެމްޑީޕީއަށް ލިބުނީ 314 ގޮނޑިއެވެ.

ރުކަކާއި ރަށްވެހި ފަތިހެއް!

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވާދަ ކުރަނީ މައި 2 ޕާޓީންނެވެ. އެއީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅުގެ މައި ޕާޓީ ޕީޕީއެމް އިންނެވެ. މިގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އިން 826 ކެންޑިޑޭޓުން ވާދަ ކުރާއިރު، އިދިކޮޅުގައި އޮތް ޕީޕީއެމްގެ 647 ކެންޑިޑޭޓަކު ވާދަ ކުރެއެވެ. އަމިއްލަ ގޮތުން 609 ކެނޑިޑޭޓަކު އިންތިޚާބުގައި ބައިވެރިވާއިރު ދެން އެންމެ ގިނަ ކެނޑިޑޭޓުން ވާދަ ކުރަނީ ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އިންނެވެ. އެއީ 115 ކެނޑިޑޭޓުންނެވެ.

ޕީޕީއެމް އިން މިފަހަރު އިންތިޚާބުގައި ބުނަނީ ގައުމުގެ މިނިވަންކަން ގެއްލުވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވަން ރައްޔިތުންނަށް ލިބޭ މިއީ ފަހު ފުރުސަތު ކަމަށާއި، ގައުމު އަނބުރާ ހޯދުމަށްޓަކައި، ގައުމީ ވިސްނުމުގައި ވޯޓު "ރުކަކަށް" ދޭން ޖެހޭ ކަމަށެވެ. އަދި ރާއްޖެ މިދާ "ސްލޯ ސްޕީޑް" އިން ހަލުވި ތަރައްޤީއަކަށް ވާސިލް ވުމަށް އިންތިޚާބުގައި އެޕާޓީން ވާދަ ކުރާ ކެނޑިޑޭޓުންނަށް ވޯޓް ދިނުން މުހިންމު ކަމަށް ޕީޕީއެމްއިން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރާގު މިކަމުގައި ހުރީ ތަފާތު ގޮތަކަށެވެ. އެމްޑީޕީ އިން ބުނަމުން ދަނީ މި އިންތިޚާބުގައި އެފަރާތަށް ވޯޓް ދޭން ޖެހޭ ސަބަބަކީ ލާމަޒީ ނިޒާމަށް ފަރިތަ ބަޔަކީ އެފަރާތްތައް ކަމުން ކަމަށެވެ. އަދި ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދިނުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބަށް މި އިންތިޚާބު ވެގެންދާއިރު، އެމްޑީޕީއިން ބުނެފައިވަނީ ލާމަރުކަޒީ ވިސްނުމެއް ޕީޕީއެމް ފިކުރުގައި ނެތް ކަމަށެވެ.

ކައުންސިލް އިންތިޚާބުގެ ކެންޕެއިން ނިންމުމަށް އދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިން.. ދެން އިމޭޖްސް/ އިބްރާޙީޟް ޝަމްވީލް

ލީޑަރުންގެ ވިސްނުން ހުރީ ކިހިނެތް؟

އެމްޑީޕީން ބުނަމުން ދަނީ މިފަހަރުގެ އިންތިޚާބު އެޕާޓީން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަަމަށެވެ. މި ގޮތުން އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ 4 ގޮނޑިއާއެކު އެމްޑީޕީ އިން މިފަަހަރުގެ ކައުންސިލް އިންތިޚާބުގެ 1،000 ގޮނޑި އެޕާޓީ އިން ކާމިޔާބު ކުރާނެ ކަމަށެވެ. އެމްޑީޕީ އިން މީގެ ކުރިން ޖެހި ހިސާބުތައް ވަނީ ދިމާވެފައެވެ. މި ގޮތުން މިދިޔަ މަޖިލިސް އިންތިޚާބުގައި 55 ގޮނޑި ކާމިޔާބު ކުރަން ނިކުތް އެމްޑީޕީ އިން އިންތިޚާބުގައި 65 ގޮނޑި ކާމިޔާބު ކުރިއެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ މިއީ ގޯސް ހިސާބެއް ކަމަށެވެ. އަދި އެފަރާތުން މި އިންތިޚާބުގައި ބުނަމުން ދަނީ ވަކި ޕާޓީއަކަށް ނުބަލާ ޤާބިލް ކެނޑިޑޭޓަކަށް ވޯޓް ދިނުމަށެވެ. އެމްޑީޕީ އިން ބުނަމުން ދަނީ އެމްޑީޕީއަށް ވޯޓް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!