އިރުއޮއްސި ހައެއް ޖަހާއިރު ކިޔުގައި މީހަކު ނެތްނަމަ ވޯޓުލާ މަރުކަޒު ބަންދު ކުރަން ނިންމައިފި

މިއަދު އިރުއޮއްސި 6:00 ޖަހާއިރު ވޯޓުލާން ކިޔުގައި މީހަކު ނެތް ނަމަ، ވޯޓުލާ މަރުކަޒު ބަންދު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުތަކުގައި 6:00 ވާއިރު ކިއުގައި ވޯޓު ލުމަށް މީހަކު ނެތްނަމަ، ވޯޓުލާ މަރުކަޒު ބަންދު ކުރުމަށް އީސީން ނިންމައިފައިވާ ކަމަށެވެ.
އެހެން އިންތިހާބުތަކާ ޚިލާފަށް މި ފަހަރުގެ އިންތިހާބުގައި ވޯޓުލާން ދިޔަ މީހުންގެ އަދަދު މަދުކަން އީސީން ވަނީ ފާހަގަ ކޮށްފައެވެ.
ނަމަވެސް ވޯޓުލާން ފެށިތާ ފަސް ގަޑިއިރު ވެފައި ވާއިރު، ކުރިއަށް ވުރެ ގިނަ މީހުން ވޯޓުލާން ކިއުގައި މިހާރު ޖެހެމުންދާކަން ވޯޓުލާ ބައެއް މަރުކަޒުތަކުން ފާހަގަ ވެފައިވެއެވެ.
ކޮންމެ އިންތިހާބެއްގައި ވެސް ވޯޓު ލާން ދާ މީހުން މެންދުރު ފަސް ވުމުން އިތުރުވި ނަމަވެސް އެހެން އިންތިހާބުތަކާ އަޅާބަލާއިރު އަދިވެސް މީހުން މަދުކަން ގިނަ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.