ކޮވިޑް-19އާ އެކު ވެސް މިއުޒިކަލް ޗެއަރ ވޯޓް,އެއް ގޮނޑިން އަނެއް ގޮނޑިއަށް
މިއުޒިކަލް ޗެއަރ އަކީ ޅަފަތުގައި އަޅުގަނޑުމެން އެންމެން ވެސް ކުޅުނު ކުޅިވަރެކެވެ. ލަވައެއް ޖަހައިގެން ގޮނޑިތަކެއް ވަށާ އެނބުރޭ އިރު ލަވަ ހުއްޓާލުމާއެކު އެމީހަކަށް ޖެހޭ ގޮނޑިއެއްގައި އިށީންނަން ޖެހެއެވެ. ގިނަ ފަހަރަށް ކިއޫ ތަކުގައި ވެސް ފެންނަނީ އެ މަންޒަރެވެ. ބަރިއަކަށް ގޮނޑި ޖަހައިފައި ހުންނައިރު ފަހަރަކު މީހަކު އެއްގޮނޑި ކުރިއަށް ޖެހޭ މަންޒަރެވެ.
މީގެ ކުރިން އަޅުގަނޑުމެން މިގޮތަށް މިކަންކަން ކުރި ކަމުގައި ވިޔަސް މިއަދު ހާލަތު ބަދަލުވެފައި ވާ ކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. މީގެ ކުރިން އަޅުގަނޑުމެން އުޅުނު ގޮތަކަށް މިއަދަކު އުޅެވޭކަަށް ނެތެވެ. އެއަށްވުރެ ނުރައްކާ ބޮޑެވެ. ކޮވިޑް-19 މުޅި ރާއްޖެއަށް ވެސް ފެތުރިފައިވާއިރު ބަލިން ރައްކާތެރިވުމަށް ޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ. އަދި ގައިދުރުކުރަން ޖެހެއެވެ.
މިއަދު ވޯޓުލާ މަރުކަޒުތަކުން ގައިދުރުކަން ނުފެނުމަކީ ހަގީގަތުގައި އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެއް ކަން ގައިމެވެ، މިއަދު ވެސް ފެނިގެން ދަނީ ކޮވިޑް-19އާ އެކުގައި ވެސް "މިއުޒިކަލް ޗެއަރ"ގެ އުސޫލް ވޯޓުލާ މަރުކަޒުތަކުގައި ވެސް ގެންގުޅެމުންދާ ތަނެވެ. އެއްގޮނޑިން އަނެއް ގޮނޑިއަށް މީހުން ބަދަލުވާ މަންޒަރެވެ.
ކޮވިޑް-19ގެ ހާލަތުގައި އަޅުގަނޑުމެން ގަނަތެޅޭތާ އަހަރަކަަށް ވުރެ ގިނަ ވެއްޖެއެވެ. މީގެ ކުރިން ކަަރަންޓީނު ނުވެ ރަށްރަށަށް މީހުން ދަތުރުކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. ގާތްތިމާގެ މީހަކު މަރުވުމުން މޫނު ބަލަން ވެސް ނުދެވިފައި އެތައް ބަޔަކު ތިއްބެވެ. ނަމަވެސް އެކަންކަމަށް ވުރެ ވެސް ވޯޓު މުހިންމުވެ މިއަދު ކޮވިޑަކީ ޖޯކެއްތޯ ރައްޔިތުން ސުވާލު އުފައްދާ ހިސާބަށް ގޮސްފިއެވެ.
ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ބޮޑެތި ޓެންޓުތައް ހަދާފައިވާއިރު އެތަނުގައި ގައިދުރު ކުރެވޭނެ އިންތިޒާމެއް ހަމަ ޖެހުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެއް ކަން ޔަގީނެވެ. ވޯޓު ލެވޭނީ ވެސް ރައްކާވެ ތިބެގެންނެވެ. އާދޭހެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.