ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ގިނަ ބަޔަކު ކަރަންޓީން ނުވެ ރަށްރަށަށް
ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ޓަކައި ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް އުސޫލެއް އެކުލަވާލުމާއެކު އެ ފުރުސަތުގެ ބޭނުން ހިފައި ގިނަ ބަަޔަކު ރަށްރަށަށް ގޮސްފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އަޅުގަނޑުމެން މާލޭގައި ބަންދުވެފައި ތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފައެވެ. ރަަށަށް ދާ ނަމަ 10 ދުވަހުގެ ކަަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އެހެންކަމުން ވޯޓުލުމަށް ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް އުސޫލެއް އެކުލަވާލުމުން އެކަން ވެގެން ދިޔައީ ރަށަށް ދިއުމަށް ކެތްމަދުވެފައި ތިބި އެތައް ބަޔަކަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތަކަށެވެ.
އާއިލާ އާއި ރައްޓެހިންނާ ބައްދަލު ނުވި ކަމުގައި ވިޔަސް އަމިއްލަ ފަސްގަނޑުގައި ފައި ޖެހުމަކީ ހަމަ ޔަގީނުން ވެސް އުފާވެރި އިހްސާސެއް ކުރުވާނެ ކަމެކެވެ.
މިއަދުގެ ހެނދުނުގެ ވަގުތުގައި އެމްއެމްއޭގެ ބަނދަރު ސަރަހައްދު އިންތިހާއަށް ބާރުބޮޑެވެ. އެ ސަަރަހައްދުން ގިނަ ބަޔަކު ރަށަށް ދާން ފުރާފައިވާއިރު އެ ފޮޓޯތައް ވެސް މީސްމީޑީއާގައި ވަނީ އާންމު ވެފައެވެ.
ކަރަންޓީނާ ނުލާ ރަށްރަށަށް ދިއުމަށް އެޗްޕީއޭ އިން ހުއްދަ ދިނީ ހަމައެކަނި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް ކަމުގައި ވިޔަސް މިއަދު ފުރި ލޯންޗުތަކުން ކުޑަކުދިން ވެސް ރަށްރަށަށް ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލުގައި ބުނާ ގޮތުން ނަމަ ވޯޓުލުމަށް ރަށަށް ގޮސްފައި ގިނަ ވެގެން 48 ގަޑިއިރު ތެރޭގައި އެމީހަކު ދަތުރު ފެށި މަންޒިލަކަށް އެނބުރި އަންނަން ޖެހެއެވެ. އަދި ދަތުރުގައި ޚާއްސަ ގައިޑްލައިނަކަށް އަމަލު ކުރަން ވެސް ޖެހެއެވެ.