ފުވައްމުލަކުގެ މޭޔަރުކަމާއި ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް

މިއަދު ބޭއްވި 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކުގެ މޭޔަރު ކަމާއި ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީޕީން ހޯދައިފިއެވެ.
މިއަދުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިސްމާއިލް ރަފީގު މޭޔަރު ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންޑިޑޭޓަކާއި ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓަކު ވެސް މި އިންތިޚާބުގައި މޭޔަރުކަމަށް ވަނީ ވާދަ ކުރައްވައިފައެވެ.
ފުވައްމުލަކު ސިޓީގެ ހަތް ގޮނޑީގެ ތެރެއިން ފަސްގޮނޑި އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައެވެ. ބާކީ އޮތް ދެ ދާއިރާ ވެސް ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމް އިންނެވެ.
މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީއިން މެޖޯރިޓީ ހޯދައިފައި ވަނީ އެމްޑީޕީ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓުންނެވެ. އެހެން ނަމަވެސް މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ އިދިކޮޅު ޕާޓީން ކުރިމަތިލެއްވި ޑރ. މުހައްމަދު މުއިއްޒުއެވެ.