މި އީދުގައި އުފަލާއި މަޖަލުގައި ހޭދަ ކުރުމަށް ރައީސް ނަޝިދު އެދިވަޑައިގެންނެވި އިރު، މި ދަނޑިވަޅުގައި ގޭގެއަށް ޒިޔާރަތް ނުކޮށް، ޕާޓީތައް ނުބާއްވާ، އަޟްޙާ ޢީދުގެ ތަހުނިޔާ ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވަނީ އެދިވަޑައިގެންފައެވެ.
ނަޝީދުގެ އީދު ތަހުނިޔާ: މި އީދުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު މަޖާ ކުރައްވާ!
މި އީދުގައި އާއިލާ އާއި ރަހުމަތްތެރިންނާއެކު މަޖާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގަތީ، ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުވި ވީޑިއޯ މެސެޖްގައެވެ.
"މި އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކު ހޭދަ ކުރައްވައި، މަޖާ ކުރައްވާ. އާއިލާއާއެކު އުޅުއްވާ، ރަހުމަތްތެރިންނާއެކު އުޅުއްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝިދު ވިދާޅުވީ، މިދަނޑިވަޅަކީ، ކޮވިޑް-19ގެ ވަބާ ފެތުރިފައިވާ ދަނޑިވަޅެއް ކަމަށާއި އެކަމުގެ ސަބަބުން އިގްތިސޯދު ބަންދުވުމުން ރައްޔިތުންނަށްވެސް އުދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބުރަ މަސައްކަތުން އަލުން އަނބުރާ 2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތައް އަލުން އަނބުރާ އިޤުތިޞާދު ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.