ފުލުހުން ބާރުގެ ބޭނުންކޮށް އިންތިޚާބީ މަރުކަޒަށް ވަން މީހުން ނެރެފި

ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު އޮޅުވައިލައިފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒަށް އެއްވި އެންމެން ބާރުގެ ބޭނުންކޮށް އެ މަރުކަޒުން ނެރެފިއެވެ.
އެ ސަރަހައްދަށް އެއްވި އެންމެން އެ ތަނުން ބޭރުކޮށް މިހާރު އެ ސަރަހައްދު ވަނީ ފުލުހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ގޮތުން އިންތިޚާބީ މަރުކަޒުގައި އެއްވެ ތިބި މީހުން ބޭރު ކުރުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ބޭނުން ކޮށްފައެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން ބާރުގެ ބޭނުން ކޮށް ޕެޕަރ ސްޕްރޭ ޖެހުމާ ގުޅިގެން އޭގެ އަސަރު، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އަށް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
އީސީގެ ގޯތިތެރޭގައި މި ވަގުތު ތިބީ ހަމަ އެކަނި ފުލުހުންނާއި އީސީގެ މުވައްޒަފުން އެކަނި ނަމަވެސް ބޭރުގައި އިދިކޮޅު ސަޕޯޓަރުންނާއި އެމްޑީޕީގެ ބައެއް ސަޕޯޓަރުން މަޑުކޮށްލައިގެން އެބަ ތިއްބެވެ. އަދި އެމީހުން ފޮނުވާލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.