އިދިކޮޅުން ވެސް އަދި އެމްޑީޕީން ވެސް ދައްކަނީ ހަގީގަތެއް ނެތް ވާހަކަ ތަކެއް: އީސީ

އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި މިއަދު ހިނގައި ދިޔަ ހަމަ ނުޖެހުމުގައި އިދިކޮޅު ޕީޕީއެމް،ޕީއެންސީއިންނާއި އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ބައެއް ނަތީޖާ ޝީޓްތަކުގައި މައްސަލަ އުޅޭކަން ފާހަގަ ކުރައްވައި އީސީން ވަނީ އަލުން އެ ނަތީޖާތައް ޗެކް ކުރައްވަން ނިންމަވާފައެވެ. އަދި އެ ގޮތުން ކުރެއްވި މަސައްކަތްތަކަކީ ވޯޓް އޮޅުވާލުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ ގޮތަށް ކުރިއަށް ދާން ނިންމީ އެއްވެސް ސިޔާސީ ޕާޓީއެއް އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން އެދިގެން ވެސް ނޫން ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ފައިދާއެއް ހޯދައިދޭން ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއީ ނަތީޖާ ޝީޓްގައި ބައެއް އަދަދުތައް ދިމާނުވާތީ، އެ ކަންކަން ކަށަވަރު ކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.