ބޮލީވުޑް

ޕަރްވީން ބާބީގެ ކުރީގެ ލޯބިވެރިޔާ ކިޔައިދިނީ އޭނާގެ ހަޔާތުން ސޮފްހާއެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

2005 ވަނަ އަހަރުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބަތަލާ ޕަރްވީން ބާބީގެ މަރާ ގުޅޭ ވާހަކަތަކެއް އޭނާގެ ކުރީގެ ލޯބިވެރިއެއް ކަމަށްވާ ކަބީރް ބޭދީގެ އޮޓޯބައޮގްރަފީގައި ކިޔައިދީފިއެވެ.

Ads by MWSC

ކަބީރް ބޭދީގެ އޮޓޯބައޮގްރަފީއާ ގުޅޭ ގޮތުން އޭނާ ވަރަށް ފަހުން މީޑީއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ޕަރްވީނަށް ކުޑައިރުން ފަށައިގެން ދިމާވަމުން ދިޔަ ނަފްސާނީ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

އެގޮތުން އޭނާ ބުނީ ޕަރްވީން ކުޑައިރުން ފަށައިގެން އޭނާގެ ގޭ ކައިރިން ޖިންނި އާއި ސޫރަ ފަދަ އެއްޗެހި ފެންނަ ވާހަކަ ކިޔައިދޭ ކަމަށެވެ. ކަބީރް ކިޔައިދިން ގޮތުގައި ޕަރްވީންގެ ބައްޕައަކީ ވެސް އެފަދަ މައްސަލަތައް ހުރި މީހެއް ކަމަށް ޕަރްވީންގެ މަންމަ ބުނެފައިވާ ކަމަށެވެ.

ޕަރްވީން އާއި ކަބީރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވަކިވުމުން ގިނަ ބަޔަކު ވަނީ ޕަރްވީންގެ ނަފްސާނީ މައްސަލަތަކުގެ އަސްލަކީ ކަބީރު ކަމަށް ބުނެފައެވެ. ނަމަވެސް ކަބީރު ބުނީ އޭނާ އެންމެ ލޯބިވި މީހާ އެ ހާލުގައި ވާތަން ބަލަން އޭނާއަށް ވެސް ކެތް ނުވާ ކަމަށެވެ.

އުމުރުން 55 އަހަރުގައި މަރުވެފައި އޮއްވާ ފެނުނު ޕަރްވީން ވަނީ ކަބީރުގެ އިތުރުން މަހޭޝް ބަޓް އާއި ޑެނީ ޑެންޒޯންގްޕާ އާ ވެސް ލޯބީގެ ގޮތުން ގުޅިފައެވެ.

ޕަރްވީންއަށް ނަފްސާނީ މައްސަލަތަކެއް ދިމާވެ، އަބަދުވެސް ބަޔަކު އޭނާ މަރާލަން އުޅޭ ކަމަށް އޭނާއަށް ހީވާ ކަމަށް ކަބީރު ވަނީ ބުނެފައެވެ.

"އަމަރް އަކްބަރް އެންތަނީ"، "ދީވާރް" އަދި "ކްރާންތީ" ފަދަ ފިލްމުތަކުގެ މަޝްހޫރުވެގެން ދިޔަ ޕަރްވީންގެ ހަޔާތުގައި ދިމާވި ވަރަށް ހިތްދަތި ހާދިސާތަކަކަށް ފަހު އޭނާގެ ސިކުނޑީގައި މައްސަލަތައް ޖެހި ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ އެކަނިވެރިކަމުގައެވެ.

ފަހުން ޕެރަނޮއިޑް ޝިޒޮފްރޭނިއާ ކިޔާ ސިކުނޑީގެ ބައްޔެއް ޕަރްވީން އަށް ޖެހިފައިވާކަން ޑޮކްޓަރުން ޔަގީންކަން ދިނެވެ. މި ބަލީގައި ވަރަށް ގިނަ ދުވަސްތަކަކު އުޅުމަށްފަހު ޕަރްވީން މަރުވެފައި އޮއްވާ ފެނުނީ 2005 ގެ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. އޭނާ މަރުވެގެން ވެއްޓިފައި އޮތީ ދިރިއުޅުނު ގޭގެ ޓެރަސް މަތީގައެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމުގެ ސަބަބުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!