ޚަބަރު

ސިލްސިލާ ދަރުސް ބާއްވަން ހުއްދައަށް އެދުމުން މިނިސްޓްރީން ޖަވާބެއް ނުދޭ: ސަލަފް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮންމެ އަހަރަކު ވެސް ރަމަޟާން މަހަށް ޚާއްސަކޮށް ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންދިއުމަށް ޓަކައި އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް މިނިސްޓްރީން އެކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އެ ޖަމިއްޔާއިން މިކަން ހާމަ ކޮށްފައި ވަނީ މިއަދު ކުރި ޓްވީޓެއްގައެވެ.

"ޖަމިއްޔަތުއްސަލަފްގެ ފަރާތުން ކޮންމެ ރަމަޟާން މަހަކަށް ޚާއްސަކޮށްގެން ފުރުޤާން މިސްކިތުގައި ގެނެސްދޭ ދަރުސް ސިލްސިލާއާ މެދު ގިނަ ފަރާތްތަކުން ސުވާލު ކުރަމުންދާތީ ދަންނަވަމެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން ހުއްދަ ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް އަޅުގަނޑުމެން ހުށަހެޅީމެވެ. ނަމަވެސް މިހާތަނަށް އެެއްވެސް ޖަވާބެއް އެބޭފުޅުން ދެއްވާފައިނުވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ" ސަލަފުން މިއަދު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ،

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ސަލަފުން ފުރުގާން މިސްކިތުގައި ދަރުސްތައް ކުރިއަށް ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. ރޯދަމަހުގެ ކޮންމެ ދުވަހެއްގެ އަޞްރު ނަމާދަށްފަހު ބާއްވާ މި ދަރުސްތަކަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!