މާލޭގެ 6 ފޮއްޓެއް ގުނަން އެމްޑީޕީން އެދިއްޖެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ ހަ ގޮނޑިއަކާ ބެހޭ ގޮތުން އެމްޑީޕީގެ ޝަކުވާތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މާލޭގެ އެ ހަ ދާއިރާގެ ފޮށި އަލުން ގުނާއިރުގައި ވީހާ ވެސް އަމާން މާހައުލެއްގައި ގުނުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ. މީގެ އިތުރުން އަލުން ގުނަން އެދިފައިވާ މި ހަ ފޮށި ގުނައިފިނަމަ އެމްޑީޕީގެ ކެނޑިޑޭޓުން މޮޅުވާނޭ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އިންތިޚާބުގެ ވޯޓްލުން ނިމި ހަފްތާއަކާ ގާތްވެފައިވާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ އެކި ފޮށިތަކުގައި މައްސަލަ ހުރިކަމަށް ބުނެ ނަތީޖާ އިއުލާން ކުރުން ފަސް ކުރަމުންނެވެ. އިލެކްޝަންސްއިން މި ގޮތަށް ޢަމަލު ކުރަމުންދާއިރު އެމްޑީޕީން ވެސް ބުނަމުން ދަނީ ނަތީޖާ އަދި ބަދަލު ވާނެ ކަމަށާއި މާލެއާއި އައްޑޫން ވެސް އިތުރު ގޮނޑިތައް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ.
މި ކަންކަމާ ގުޅިގެން ނަތީޖާ އޮޅުވާލަން އުޅޭ ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އިދިކޮޅުން އިއްޔެ ވަނީ އިލެކްޝަންސްގެ އިންތިޚާބުގެ މަރުކަޒަށް އެއްވެފައެވެ. އަދި އެ އެއްވުމުގެ ތެރެއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެ ސަރަހައްދުގައި ވަނީ ހަމަނުޖެހުމެއް ވެސް ހިނގާފައެވެ.