ލޯކަލް ކައުންސިލް އިންތިޚާބުގެ ގިނަ ރަށްތަކުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ: އީސީ

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ގިނަ ދާއިރާތަކުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް އިލެކްޝަނުން ވަނީ އެކި ފަހަރުގެ މަތިން މަސައްކަތް ކޮށްފައެވެ. އެގޮތުން އާދިއްތަ ދުވަހު ހަވީރު އަދި ހޯމަ ދުވަހުގެ ރޭ ވެސް ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް ފެށުމަށް އީސީން ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެކަން ނުވީ އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަން ހުރުމުން ކަމުގައި އިލެކްޝަނުން ހާމަ ކުރިއެވެ.
ނަތީޖާ ޝީޓްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުމުން، 18 ފޮށްޓެއް އަލުން ގުނަން އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ. މީގެ އިތުރުން އެމްޑީޕީން މިއަދު ވަނީ ހަ ވޯޓް ފޮއްޓެއް ގުނަން ހުށައަޅާފައެވެ.
އެމްޑީޕީން ބުނީ އަލުން ވޯޓް ފޮށިތައް ގުނައިފިނަމަ މާލެ އާއި އައްޑޫ ސިޓީން އިތުރު ގޮނޑިތަކެއް އެ ޕާޓީއަށް ލިބޭނެ ކަމަށެވެ.