ދީން

އިޔާޒްގެ ޤަލަމުން: ޟުޙާ ނަމާދުގެ މާތްކަން

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

Ads by Sosun Fihaara

ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިކަމަށް ޘާބިތުވާ ނަމާދެކެވެ. ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ.(كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا ، وَيَزِيدُ مَا شَاءَ اللَّهُ)މާނައަކީ: " ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޟުޙާ ނަމާދުގެ ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ބައެއްފަހަރު އިތުރުވެސް ކުރައްވައެވެ".

ޟުޙާ ނަމާދުގެ މާތް ކަމާއި ބެހޭގޮތުން ވަރަށްބައިވަރު ޙަދީޘް ތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި:

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރެއްވިއެވެ.

(يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ ، فَكُلُّ تَسْبِيحَةٍ صَدَقَةٌ ، وَكُلُّ تَحْمِيدَةٍ صَدَقَةٌ ، وَكُلُّ تَهْلِيلَةٍ صَدَقَةٌ ، وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ ، وَنَهْيٌ عَنْ الْمُنْكَرِ صَدَقَةٌ ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى)

މާނައަކީ: "އިންސާނާގެ ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކުވެސް ޞަދަގާތެއްވެއެވެ. (ބުނެވޭ ގޮތުގައި އިންސާނާގެ 360 ހުޅު ހުރެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއްވެއެވެ، އެހެންކަމުން، ކޮންމެ އިންސާނެއްގެ މައްޗަށް ދުވާލަކަށް 360 ޞަދަގާތް ވާޖިބުވެފައި އޮވެއެވެ)، ކޮންމެ ތަސްބީޙަ (ސުބްޙާނަﷲ ކިޔުން) އަކީ ޞަދަގާތެކެވެ. ކޮންމެ ތަޙްމީދަކީ (އަލްޙަމްދު للهކިޔުން) އެއީ ޞަދަގާތެކެވެ. ކޮންމެ ތަހްލިލަކީ (لاإلهإلاالله) ޞަދަގާތެކެވެ.ކޮންމެ ތަކްބީރަކީ (اللهأكبرކިޔުން) އަކީ ޞަދަގާތެކެވެ. ހެޔޮކަންތަކަށް އަމުރު ކުރުމަކީ ޞަދަގާތެކެވެ. ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ. ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެއެވެ".

އިމާމް ނަވަވީ- ރަޙިމަހު ﷲ ވިދާޅުވިއެވެ. މިއިން ދޭހަކޮށްދެނީ ޟުޙާ ނަމާދުގެ މާތްކަމާއި އެއަށް ދެވިފައިވާ މަތިވެރި ދަރަަޖަ އެވެ. އަދި ދެ ރަކްޢަތް ކުރުމުން ފުދޭކަމެވެ.

އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ވެގެންވެއެވެ.(أَوْصَانِي خَلِيلِي بِثَلَاثٍ لا أَدَعُهُنَّ حَتَّى أَمُوتَ : صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلاةِ الضُّحَى ، وَنَوْمٍ عَلَى وِتْرٍ)މާނައަކީ: "ތިމަންކަލޭގެ ފާނުގެ ޚަލީލު (ގާތް ރަޙްމަތްތެރިޔާ) ތިމަންކަލޭގެފާނު އަވަހާރަވުމަށް ދާންދެން ތިންކަމެއް ދޫނުކޮށް ހިފެހެއްޓުމަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިމަތީގައި ނިދުމަށެވެ".

އަބުއްދަރްދާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެެވެ. (أَوْصَانِي حَبِيبِي صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَلَاثٍ لَنْ أَدَعَهُنَّ مَا عِشْتُ : بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ ، وَصَلَاةِ الضُّحَى ، وَبِأَنْ لَا أَنَامَ حَتَّى أُوتِرَ)މާނައަކީ: "ތިމަންކަލޭގެފާނުގެ ޙަބީބު (ލޯބިވާމީހާ)، ދުނިޔޭގައި ހުރިހާ ހިނދަކު ތިންކަމެއް ދޫނުކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިކޮށްފައި ނޫނީ ނުނިދުމަށެވެ".

އަލްގުރްޠުބީ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "އަބޫހުރައިރާ އަށާއި އަބުއްދަރްދާ އަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައިވާ ވަޞިއްޔަތްޕުޅުން ދޭހަވަނީ ޟުޙާ ނަމާދުގެ މާތް ކަމެވެ. އަދި އެއިން ލިބޭނެ ޘަވާބާއި ދަރުމައިގެ ބޮޑުކަމުގެ ވާހަކައެވެ. އެހެންކަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެ ވަޑައިގަތުމަށް ދާންދެން ޟުޙާ ނަމާދު ދުލެއް ނުކުރައްވައެވެ".

އަބޫހުރައިރާ-ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. (لَا يُحَافِظُ عَلَى صَلَاةِ الضُّحَى إِلَّا أَوَّابٌ، وَهِيَ صَلَاةُ الْأَوَّابِيْنَ)މާނައަކީ: "އައްވާބަކު (ގިނަގިނައިން ތައުބާވާމީހާ) މެނުވީ ޟުޙާ ނަމާދަށް ރައްކާތެރި ނުވާނެއެވެ. އެއީ ގިނަގިނައިން ތައުބާވާމީހުން ގެ ނަމާދެވެ".

އަނަސް ބިން މާލިކް- ރަޙިމަހު ﷲ- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ، ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ، ثُمَّ صَلَّى رَكْعَتَيْنِ ، كَانَتْ لَهُ كَأَجْرِ حَجَّةٍ ، وَعُمْرَةٍ ، تَامَّةٍ ، تَامَّةٍ ، تَامَّةٍ)މާނައަކީ: "ޖަމާޢަތުގައި ފަތިސްނަމާދުކޮށް އަވަދިވެގެން، އިރުއަރަންދެން ﷲ ޛިކުރު ކުރުންމަތީ ދެމިހުރެ، ދެރަކްޢަތް ނަމާދެއްކޮށްފިމީހާ އަށް ޙަައްޖަކާއި ޢުމްރާ އެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ".  ފަތިހު އިރު އެރުމަށްފަހުގައި ނަމާދު ކުރަންވާނީ އިރުއަރާތާ ގަާތްގަޑަކަށް ފަނަރަވަރަކަށް ނުވަތަ ވިހިވަރަކަށް މިނިޓް ފަހުންނެވެ. އެހިސާބުން ފެށިގެން ޟުޙާ ނަމާދުގެ ވަގުތު ފެށުނީއެވެ. މިވަގުތު މެންދުރުވުމާއި ގާތަށް ދާންދެން ދެމިގެން ވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މެންދުރު ވަގުތު ވަންދެން މިވަގުތު ދެމިގެންވެ އެވެ.ެ. واللهأعلم

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!