ޚަބަރު

އަހްސަން ގޮޅިއަށް ވެއްދުމުގައި ބާރުގެ ބޭނުން ކުރިތޯ ބަލަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޓެރަރިޒަމްގެގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު ގޮޅިއަށް ވެއްދުމުގައި ބާރުގެ ބޭނުން ކުރިތޯ ބަލަން ފަށައިފިއެވެ.

Ads by MWSC

އަޙްސަން މުޙައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާ ގޮތާ މެދު އަހްސަންގެ އާއިލާއިން ޝަކުވާއެއް ހުށަހަޅާފައިވާތީ ކަން ހިނގައި ދިޔަ ގޮތް ފުލުހުން ވަނީ ސާފުކޮށްދީފައެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަޙްސަން މުޙައްމަދު، ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 ކަންހާއިރު އަޙްސަން މުޙައްމަދު ގޮޅިން ބޭރަށް ނެރެފައިވާނެ ކަމަށެވެ.

އަދި އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަމަށް އޭނާ ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާކަމަށް ފުލުހުން ބުނެއެވެ. 

އެއަށްފަހު ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން މުޙައްމަދު އިންކާރުކޮށް، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވާނެ ކަމަށާއި ، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި އެރޭގެ ފަހުގެ ވަގުތެއްގައި އޭނާ ގޮޅިއަށް ވައްދާފައިވެއެވެ. 

މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީއަށް ހުށަހަޅައި ބަލަމުން ދާކަމަށާއި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ފުލުހުން އަމަލުކޮށްފައި ވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާ ޚިލާފަށްކަމަށް ވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!