ޚަބަރު

ބަރުލަމާނީ ނިޒާމް ގެނެސްގެން ވާނެ ކަމަކީ އަހަރު ދެކޮޅު ސަރުކާރު ބަދަލުވުން: ހައިލަމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް/ ފޮޓޯ: އަވަސް

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނެސްގެން ވާނެ ކަމަކީ އަހަރު ދެކޮޅު ސަރުކާރު ބަދަލުވުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަޙުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ވެރިކަމަކަށް ބަދަލުކޮށް، ޤައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ މެސެޖަކުން ދަންނަވައިފައެވެ.

މިކަމާ ގުޅިގެން ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުން ވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ. އަދި ކޮރަޕްޝަނާއި ޖިންސީ ގޯނާކުރުން ވެސް ނުހުއްޓުވުނުކަން ހައިލަމް ފާހަގަ ކުރެއްވިއެވެ.

"ލޯނު ނުނަގައި އިންތިޚާބެއް ބޭއްވޭނެ ފައިސާ ނެތްއިރު ބަރުލަމާނީ ނިޒާމު ގެނެސްގެން ވާނެކަމަކީ އަހަރު ދެކޮޅު ސަރުކާރު ބަދަލުވެ އިންތިޚާބު ބޭއްވުން" ހައިލަމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިޙާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!