ދީން

ދީނާމެދު ޝައިޠާނާ ޝައްކު އުފެއްދި، އިސްލާޙް ވެވުނީ ހީވެސް ނުކުރާފަދަ ގޮތަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"މިއީ ބައެއް މީހުން ޤަބޫލު ކުރާނެ ވާހަކައެއްހެން ހިއެއް ނުވެއެވެ. ނަމަވެސް މިއީ ހަގީގަތުގައި ވެސް އަހަންނަށް ދިމާވި ކަމަކަށްވާތީ، މި ވާހަކަތައް ހިއްސާ ކޮށްލާ ހިތްވިއެވެ.

Ads by STELCO

އަހަންނަކީ އެއްވެސް އިރަކު އިސްލާމްދީން އެއްކޮށް ދޫކޮށްލި މީހެއް ނޫނެވެ. ނަމަވެސް އަހަންނަކީ ކުރިން ފުރިހަމަ މުސްލިމެކޭ ނުބުނެވޭނެއެވެ. ކުރިން ވެސް އަހަރެން ނަމާދުކޮށް، ރޯދަ ވެސް ހިފައި އުޅުނީމެވެ. ނަމަވެސް ނަމާދު ކުރުމުގެ މުހިންމު ކަމާއި ރޯދަ ހިފުމުގެ މުހިންމުކަން ވެސް އެނގިގެނެއް ނޫނެވެ. މައިންބަފައިން ބުނީތީ ކުރަން ވެގެން ކުރީއެވެ. އެގޮތަށް އެކަން ކުރަން ޖެހުމުން ބައެއް ފަހަރު އުނދަގޫ ވެގެން ވެސް އަހަރެން އުޅުނީމެވެ. ނަމާދު ނުކުރަން ވެގެން ވެސް އުޅުނީމެވެ.

ގަދަކަމުން އަޅުކަން ކުރަން ޖެހުމުން އަހަރެންގެ ހިތަށް އިސްލާމްދީނާމެދު ސުވާލުތަކެއް އަރަމުން ދިޔައެވެ. އޭރު އަހަރެންގެ އުމުރުން 15 އަހަރެވެ. އަހަންނަށް ޤަބޫލު ކުރެވޭ ގޮތުގައި އަހަރެންގެ ހިތަށް އެ ސުވާލުތައް އެރީ އޭރު އަހަރެން ދީނާ އެވަރަށް ގާތް ނުވެ ހުރުމުންނާއި އަހަރެން ބަލަމުން ދިޔަ އެއްޗެހި ތަކެއްގެ ސަބަބުންނެވެ.

އެހެން ދީންތަކުގެ މީހުން ކުޅެފައި ހުންނަ ފިލްމުތަކާއި ޑްރާމާތައް ބެލުމުން ތައުހީދާ ގުޅޭ ނުރައްކާތެރި ޚިޔާލުތައް ހިތުގައި އުފެދުނެވެ. މާތް ﷲ ނިޢުމަތްއް ދެއްވާނެ ކަމަށް މައިންބަފައިންނާ ޓީޗަރުން އަބަދުމެ ބުނާއިރު އެ ނިޢުމަތްތަކަކީ ކޮބައިހޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ. އެއީ އަހަރެމެން އޭރު އުޅުނު ދަތި ހާލުގެ ސަބަބުންނެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމަކީ ކޮބައިބާއޭ ވެސް ހިތަށް އެރިއެވެ.

އެ ޚިޔާލުތަކާއެކު އެ ދުވަހުގެ މެންދުރެއް ހާއިރު އަހަންނަށް ނިދުނެވެ. ހޭލެވުނީ ތިނެއް ޖަހަން ގާތް ވެފައި ހުއްޓައެވެ. ނިދިން ހޭލެވުމަށް ފަހު އަހަންނަށް ހުރެވުނީ ބުނެ ދޭން ނޭނގޭފަދަ ގޮތްތަކެއް ވެފައެވެ. މާޔޫސްވެފައެއް ނޫނެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ގަބުވެފައެވެ. އަހަރެންގެ ހިތަށް ވަންނަމުން ދިޔައީ ކީރިތި ޤުރްއާންގެ އާޔަތެކެވެ.

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ

މި އާޔަތް ތަކުރާރުކޮށް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެހެންކަމުން އެއީ ކޮން ސޫރަތެއްގެ އާޔަތެއްތޯ އިންޓަނެޓް މެދުވެރިކޮށް ހޯދައިގެން، އެ އާޔަތުގެ މާނަ ހޯދުމަށް މަސައްކަތް ކުރީމެވެ.

އެ އާޔަތުގެ މާނައަކީ، '(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަބައި މީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟'

އަހަންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އެހެންކަމުން، އެ ސޫރަތުގެ (ސޫރަތުލް ރަޙްމާންގެ) ފަށައިގެން މާނައާއެކު އަހަރެން ކިޔަން ފެށީމެވެ. ކިޔަމުން ދިޔަ ވަރަކަށް އަހަރެންގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ.

'1- ރަޙްމާންވަންތަ ރަސްކަލާނގެއެވެ.

2- އެކަލާނގެ ޤުރްއާން އުނގަންނަވައި ދެއްވިއެވެ.

3- އެކަލާނގެ އިންސާނާ ހެއްދެވިއެވެ.

4- އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނަަވައި ދެއްވިއެވެ.

5- އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިން ހިނގައެވެ.

6- އަދި ފަތްޕިލާވެއްޔާއި، ގަސްގަހާއިގެހި، އެކަލާނގެއަށް އީމާންވެ، ސަޖިދަ ކުރެތެވެ.

7- އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި ޢަދުލު އިންސާފު ލެއްވިއެވެ.

8- މިނެކިރުމުގައި ތިޔަބައި މީހުން އަނިޔާވެރި ނުވުމަށްޓަކައެވެ.

9- ޢަދްލު އިންސާފުގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!

10- އަދި ޚުލްގުތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ.

11- އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރުރުއްތައް ވެއެވެ.

12- އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރު ވަސް ދުވާ މާމެލާމެލި ވެއެވެ.

13- (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަބައި މީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟

14- މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ އާދަމްގެފާނު) ހެއްދެވިއެވެ.

15- އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ.

16- (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަބައި މީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟

17- އިރުއަރާ ދެ ތަނާއި، އިރުއޮއްސޭ ދެތަނެއްގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ މޫސުމަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ)

18- (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަބައި މީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟

19- އެކަލާނގެ ދެ ކަނޑު (އެބަހީ: ކޯރާއި ކަނޑު) ހައްދަވައި ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ.

20- އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެ ކަނޑުވެސް އެއް ކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެއެވެ.

21- (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަބައި މީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟'

މިހާ ހިސާބަށް ކިޔުނުއިރު، އަހަރެންގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އެވަގުތު ކުރެވުނު އިޙުސާސްތައް އަކުރާ ފިލިތަކެއް ބޭނުން ކޮށްގެން ބަޔާން ކުރެވޭވަރަށް ވުރެ ވެސް ފުނެވެ. އަހަރެން ކޮންމެވެސް ވަރަކަށް ބިރުގަތެވެ. ލަދު ވެސް ގަތެވެ. އަދި ހަމަ އެހެންމެ، ހިތުގައި އުފެދުނު ސުވާލުތަކަކަށް ޖަވާބު ލިބުމުން އުފާ ވެސް ވިއެވެ.

އެ ދުވަހަށް ފަހު ވެސް އަހަރެން ނަމާދު ކުރަމެވެ. ނަމަވެސް ކުރިއާ ތަފާތެވެ. އެއީ އެ ދުވަހަށް ފަހު އަހަރެން ނަމާދު ކުރަނީ، ނަމާދު ކުރުމުގެ މުހިންމުކަން އަހަންނަށް ވިސްނި، އާޚިރަތް އުޖާލާ ކުރުމުގެ ނިޔަތުގައެވެ. އަދި މާތް ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) އެންގެވި އެންގެވުންތައް ފުރިހަމައަށް ޤަބޫލުކޮށް، ފުރިހަމަ އީމާންތެރިއެއްގެ ގޮތުގައި ހުރުމުގެ ބޭނުމުގައެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!