ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލުން ކުރިއަށް ގެންދަން ނިންމައިފި
ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކުރައްވައިފިއެވެ.
އީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ގުޅިގެން ލިބިފައިވާ ޝަކުވާތަކުން، އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ދެ ރަށެއްގައި އަލުން ވޯޓް ނަގަން ނިންމާފައިވާ ކަމަށެވެ. އެއީ ގާދިއްފުއްޓާއި މާވަށް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
އީސީގެ ރައީސް ވިދާޅުވީ އިންތިހާބުގެ އާ ބުރެއް އެ ދެ ރަށުގައި ކުރިއަށް ގެންދިޔަ ނަމަވެސް އިންތިހާބުގައި ވޯޓް ދެވޭނީ ކުރީން ވެސް ވޯޓް ލިސްޓްގައި ހިމެނޭ މީހުނަށް ކަމަށާއި ވޯޓްލާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ ގާދިއްފުށީގައި ދާއިރާ ނޫން ދެ މީހަކު ވޯޓް ލާފައިވާކަން ސާބިތުވެފައިވާ ކަމަށެވެ އެއީ ލ. ކުނަހަންދޫ މީހަކާއި، ރ. އިންނަމާދޫ މީހެއް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
"އެ ދެ މީހުން ވަނީ އޮޅިގެން ކަރުދާސް ކޮޅެއް ދެވުނީމަ ގާދިއްފުށީގެ ފޮއްޓަށް ވޯޓު ލާފައި" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ ގާދިއްފުށި ކައުންސިލްގައި އަންހެނުންނަށް ހާއްސަކުރި ގޮނޑިއަށް ވާދަކުރި ދެ ކެނޑިޑޭޓެއްގެ ދެމެދުގައި ދެ ވޯޓް ތަފާތު ހުރިއިރު ދާއިރާއިން ބޭރުން ވޯޓްލީ ދެ މީހުން ވޯޓް ދިނީ ކޮން ގޮތަކަށްކަން ސާފު ނުވާތީ އެރަށުގައި ބެހެއްޓި ވޯޓް ފޮށިތަކުގެ ތެރެއިން އެން-9 ވޯޓްފޮށީގެ ވޯޓް އަލުން ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށާއި ވޯޓް ނަގާނީ ދެ ވޯޓްގެ ތަފާތު ހުރި ދެ ކެނޑިޑޭޓްގެ ދެމެދުގައި އެކަނި ކަމަށެވެ.