ދީން

ނަމާދު ނުކުރާ މީހަކު މިސްކިތެއްގެ އަޅައިފިނަމަ އޭނާއަށް ސަވާބު ލިބޭނެތަ؟

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން
ހުކުރު މިސްކިތް... ދެން އިމޭޖްސް:އިބްރާހިމް ޝަމްވީލް

الحمدلله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

Ads by Hajj Corporation

މިސުވާލުގެ ތިންކަމެއް ފާހަގަ ކުރަން ޖެހެއެވެ. އެއީ: ނަމާދު ނުކޮށް ދޫކޮށްލުމަކީ ކިހާވަރެއްގެ ކަމެއްތޯ އާއި މިސްކިތެއް ބިނާ ކުރުމަކީ ކިހާވަރެއްގެ ކަމެއްތޯ އާއި، ނަމާދު ނުކުރާ މީހަކު ކުރާ ހެޔޮ ޢަމަލަކުން އެމީހަކަށް އެއްވެސް ފައިދާއެއް މަންފާއެއް ކުރާނެތޯއެވެ.

މިސްކިތް ބިނާ ކުރުމުގެ މާތްކަން:

މިސްކިތެއް ޢިމާރާތްކޮށް، މީސްތަކުންނަށް ނަމާދު ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ވަރަށް ގިނަ ޘަވާބާއި ދަރުމަ އޭގެ ސަބަބުން ލިބިގެންދާނެ ކަމެކެވެ. އެއީ އިންސާނާ މަރުވެގެން ދިޔުމަށްފަހު ގައި ވެސް ފައިދާކުރުވަނިވި ދެމިހުންނަނިވި ޞަދަޤާތެކެވެ.  ސޫރަތުއްތައުބާގެ 18 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނަައިގައިވެއެވެ.

"اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائم ކޮށް، زكاةދީ، اللَّهއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ،އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ."  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(مَنْبَنَىمَسْجِدًايُذْكَرُفِيهِاسْمُاللَّهِبَنَىاللَّهُلَهُبَيْتًافِيالْجَنَّةِ)

މާނައަކީ: "ﷲގެ އިސްމުފުޅު ޛިކްރު ކުރުމަށް މިސްކިތެއް ބިނާކޮށްފި މީހަކަށް، އެކަލާންގެ ސުވަރުގޭ ގައި ގަނޑުވަރެއް ތައްޔާރު ކޮށްދެއްވާނެއެވެ." އެހެން ޙަދީޘެއް ގައި ވެއެވެ.

(مَنْبَنَىلِلَّهِمَسْجِدًاوَلَوْكَمَفْحَصِقَطَاةٍلِبَيْضِهَا،بَنَىاللَّهُلَهُبَيْتًافِىالْجَنَّةِ)

މާނައަކީ: "ދޫނި ބިސްއެޅުމަށް ހަދާ ހާއްޔެއްގެ މިންވަރުގެ ތަންކޮޅެއް ވެސް މިސްކިތެއް ގެ ގޮތުގައި ﷲ ގެ މަގު ގައި ބިނާކޮށްފި ނަމަ، އެ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ."

ނަމާދު ނުކުރާ މީހުންނަށް ހުރި ޢަޛާބު:

ނަމާދު ނުކުރާ މީހުންނާއި ބެހޭ ގޮތުން ކީރިތި ގުރްއާނުގެ ސޫރަތު މަރްޔަމްގެ 59 އަދި 60 ވަނަ އާޔަތުގައި އައިސްފައިވެއެވެ.

މާނައަކީ: "ނަމަވެސް، އެއުރެންނަށްފަހު، ނުބައިވެގެންވީ ބައަކު، ދުނިޔޭގައި އުޅުނެވެ. އެ (ނުބައި) މީހުން، ނަމާދުކޮށް އުޅުން ދޫކޮށްލައި، އެއުރެންގެ ޝަހްވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން، ލަސްތަކެއްނުވެ ހަލާކުވެ ހިނގައިދާހުށިމެއެވެ. އޭގެތެރެއިން ތައުބާވެ، އީމާންވެ، ހެޔޮޢަމަލުކުޅައިންމަތީ ދެމިތިބެއްޖެ މީހުން މެނުވީ އެވެ".

މި އާޔަތްތަކުން ދޭހަވާ ގޮތުގައި ނަމާދު އަޅާމީހަކީ މުއިމިނެއް ނޫނެވެ. އެހެނީ، މިއާޔަތްތަކުގެ ފަހަތުގައި "ތައުބާވެ، އީމާންވެ" ޔޭ އޮތުމުން ދޭހަވަނީ އެބައިމީހުން ނަމާދު އަޅަމުން ދިޔަ ޙާލުގައި އެއީ މުއިމިނުން ނޫންކަމެވެ.

ނަމާދު އަޅާމީހުންނާ ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاةً وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبيَّ بِنْ خَلَفْ‏)

މާނައަކީ: "ނަމާދަށް ރައްކާތެރި ނުވެއްޖެމީހާ އަށް ގިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއްނުވެއެވެ. އެފަދަމީހުން ގިޔާމަތްދުވަހުން ވާހުށީ ގާރޫނާއި ފިރްޢައުނު، ހާމާނު އަދި އުބައްޔު ބިން ޚަލަފާއި އެކުގައެވެ".

ނަމާދު އެޅުމަކީ ދީނުން ބޭރުވާ ކަމެކެވެ. އެހެންކަމުން، އެފަދަ މީހުންގެ ކައިވެނިތައް ރޫޅި، އެފަދަ މީހުން ކަތިލާތަކެތި ކެއުން ޙަރާމްވެ، އަދި މުސްލިމުންގެ ގަބުރުސްތާނަކު ވަޅެއް ނުލެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!