ރަޝިއާގައި މުޒާހަރާ ނުފަށަނީސް ގިނަ ބަޔަކު ހައްޔަރަށް
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަން ކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު މޮސްކޯގެ މަގުތަކަށް ނިކުމެއްޖެއެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ރަޝިޔާގެ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިއަދު ކުރިޔަށް ދިޔަ މުޒާހަރާގެ ތެރެއިން 400 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މުޒާހަރާ ފެށުމު ގެ ކުރިންވެސް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިދިކޮޅު ލީޑަރު މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ފަށައިފައި މިވަނީ، ބުރަކަށީގެ ރިހުމާއި ފައި އައްސިވުމުގެ މައްސަލައަށް އަވަސް ފަރުވާ ނުދީފި ނަމަ ނަވަލްނީ މަރުވެދާނެ ކަމުގެ އިންޒާރު އޭނާގެ ޑަކްޓަރު ދިނުމުންނެވެ. ޑޮކްޓަރު ބުނެފައި ވަނީ ލޭގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ފަރުވާ ނުދީފި ނަމަ ކިޑްނީ ފެއިލްވެ، ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެން ނަމަވެސް ރަޝިޔާގެ އިދާރާތަކުން ބުނަމުން އަންނަނީ ނަވްލީއާމެދު އަމަލު ކުރަމުން އަންނަނީ އެހެން ކުށްވެރިންނާ މެދު ވެސް އަމަލު ކުރަމުން އަންނަ ގޮތަށް ކަމަށާއި މުޒާހަރާ ކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލަން ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހު ނަވްލީ ވަނީ ޖަލުގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ފަރުވާ އެއްގެ ގޮތުން ދީފައި ވަނީ ގުލުކޯޒް ފުޅިއެއް ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ނަވަލްނީ ވަނީ މާޗް 31 ވަނަ ދުވަހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފައްޓާފައެވެ. އޭނާ ޑިމާންޑް ކުރަނީ ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަނުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ ނަވަލްނީގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.