ދުނިޔެ

ޕާކިސްތާނުގައި ހުންނަ ޗައިނާގެ ސަފީރަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 4 މީހަކު މަރުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މިހާދިސާގައި 4 މީހަކު މަރުވެފައިވާއިރު، ހޮޓަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

ޕާކިސްތާނުގެ ހޮޓަލެއްގައި ހިންގި ބޮން ގޮއްވާލުމުގެ ހާދިސާއެއްގައި 4 މީހަކު މަރުވެ، 11 މީހަކަށް ޒަޚަމްތަކެއް ލިބިއްޖެއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ގުއެއްޓާ ސިޓީގައި ހިނގި މި ހާދިސާއަކީ ޕާކިސްތާނުގައި ހުންނަ ޗައިނާގެ ސަފީރަށް އަމާޒުކޮށްގެން ދެވުނު ހަމަލާއެއް ކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ސަފީރުގެ ތާވަލުގައިވާ ގޮތުން އެވަގުތު ސަފީރު ހުންނަވާނީ، ބޮންގޮއްވާލި ހޮޓަލުގައެވެ. ނަމަވެސް ޑިލޭތަކެއް މެދުވެރިވުމުގެ ސަބަބުން ބޮން ގޮއްވާލި ވަގުތު ޗައިނާގެ ސަފީރު ހުންނެވީ ހޮޓަލާ މާ ދުރު ހިސާބެއްގައެވެ.

މި ހާދިސާގެ ޒިންމާ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމުގައިވާ ތާލިބާނުން ވަނީ ނަގައިފައެވެ. ނަމަވެސް ބޮން ގޮއްވާލީ ކާކަށް އަމާޒުކޮށް ކަމެއް، ނުވަތަ ކޮން ސަބަބަކާ ހުރެ ކަމެއް އެ ފަރާތުން ހާމައެއް ނުކުރެއެވެ. ފަހަކަށް އައިސް ޕާކިސްތާނާއި އަފްގާނިސްތާނު ބޯޑަރު ސަރަހައްދުގައި ތާލިބާނާއި އަދި އެ ނޫން ވެސް ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަރާކާތްތައް ދަނީ އިތުރުވަމުންނެވެ. ސަބަބެއް ކަމުގައި އެފަރާތްތަކުން ބުނެފައި ވަނީ ޕާކިސްތާނުގައި ޗައިނާގެ ބާރު ގަދަވަމުންދާތީ ކަމަށާއި ޗައިނާގެ ބޮޑެތި ޕްރޮޖެކްޓްތަކާއެކު ޕާކިސްތާނުން ޗައިނާއަށް ބަރޯސާ ވާން ފަށާފައިވާ ކަމަށެވެ.

ސަރީނާ ހޮޓަލް ނަމަކަށް ކިޔާ މި ހޮޓަލަކީ ބޭރުން އަންނަ އެހެން ޤައުމުތަކުގެ އިސް އޮފިޝަލުން ވެސް ތިއްބަވާ ހޮޓަލެކެވެ. ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރ ޝައިޚް އަހްމަދު ރާޝިދު ވިދާޅުވީ، މި ބޮން ގޮއްވާލާފައި ވަނީ، ގޮވާތަކެއްޗާއެކު އައި ވޭނެއް ހޮޓަލުގެ ތެރެއަށް ފޮނުވާލައިގެން ކަމާއި މިމައްސަލައިގައި ކަން ހިނގި ގޮތުގެ ފުރިހަމަ ތަޙްޤީޤެއް ކުރައްވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!