ވިންޓަރ ޕާކް ހިންގާ ފަރާތް ނުފެނިގެން ހޯދަނީ
ރައީސް ޔާމީނުގެ ސަރުކާރުގައި ސަލްޓަން ޕާކުގެ ތެރޭގައި ތަރައްގީ ކޮށްފައިވާ ވިންޓަރ ޕާކް ހިންގާ ބެލެހެއްޓުމަށް ހަވާލު ކޮށްފައިވާ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް ނުފެނިގެން، އެ ކުންފުނި ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ކުންފުނިން އެ ޕާކު އޮޕަރޭޓް ކުރަމުން ނުދާ ކަމަށެވެ. އަދި އެ ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުމާއި އެ ކުންފުންޏާއެކު މުއާމަލާތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް އެކަން ކުރެވޭ ގޮތް ވެފައި ނުވާ ކަމަށް ވެސް އެ އިއުލާންގައި ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުރުން، ޑައިމަންޑް ވިންގްސް ޕވޓ ލޓޑ މިވަގުތު ހިންގަމުން ދަނީ ކޮން އެޑްރެހެއްގައި ކަމެއް ވެސް އެ ކައުންސިލަށް ނޭނގޭ ކަމަށް ވެސް މި އިއުލާންގައި ބުނެފައިވެއެވެ.
މި އިއުލާންގައި އަންގައިފައި ވަނީ ސަލްޓަންޕާކުގައި ތަރައްގީ ކޮށްގައިވާ ވިންޓަރ ތީމް ޕާކް ހިންގައި ބެލެހެއްޓުމަށް މިނިސްތްޓްއާއެކު އެއްބަސްވުމުގައި ޑައިމަންޑް ވިންގްސް ޕވޓ ލޓޑގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން ބޭފުޅަކު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ހާޒިރުވުމަށެވެ. އަދި އެ ކުންފުނީގެ ބޭފުޅަކު އެ މުއްދަތުގައި ހާޒިރު ނުވެއްޖެ ނަމަ ޑައިމަންޑް ވިންގްސް ޕވޓ ލޓޑ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ އެކު ވެފައިވާ އެއްބަސްވުން ކެންސަލް ކުރެވޭނެ ކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރި "ރަސްރަނި" ބަގީޗާގެ ތެރޭގައި ވިންޓާ ތީމް ޕާކެއް ހަދައި، އެތަން ހުޅުވީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.