މާލޭގެ މަގު މައްޗަކީ އަމާން ތަނަކަށް ހެދުމަށް އިސްކަން ދޭނަން:އިންތިޚާބީ މޭޔަރު

މާލޭގެ މަގު މައްޗަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަން ދޭނެ ކަމެއް މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަގުމަތީން އަންހެން ކުއްޖަކު ދަމާ ކޫއްތާ ގެންގޮސް ، ގެއަކަށް ވައްދާ ރޭޕް ކުރަން އުޅުނު ހާދިސާއެއް ކުރިމަތިވެފައި ވަނިކޮށް ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މަގު މައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ، ކަމާ ބެހޭ އެންމެހައި ފަރާތްތައް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަން ދޭނެ ކަމެއް ކަމަށެވެ.
މަގުމަތީން އަންހެން ކުދީން ޝިކާރަކޮށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ދެމީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ ދެމީހުންގެ މައްޗަށް މިހާރު ވަނީ ބަންދުގެ މުއްދަތު ވެސް ޖަހައިފައެވެ.
ހާދިސާއާ ގުޅިގެން އާންމުވި ވީޑިއޯގައި ފެންނަ ގޮތުގައި ދެ މީހަކު ވެގެން އަންހެން ކުއްޖާ ދަމާ ގެންދާއިރު އެ ސަރަހައްދުގައި އެހެން މީހުން ވެސް ހަރަކާތްތެރިވެއެވެ. ނަމަވެސް އެކަމަކަށް މީހަކު ސަމާލު ކަމެއް ނުދެއެވެ.