ބައެއް މީހުން ސަދަޤާތް ކުރަނީ ވެސް މީސް މީޑިއާގައި އިއުލާން ކޮށްގެން
ރަމަޟާން މަހަކީ އެންމެ ބަރަކާތްތެރި މައްސަރު ކަމާމެދު އެކަކު ވެސް ދެބަހެއް ނުވާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން މި ބަރަކާތްތެރި މައްސަރުގައި ރޯދަ ހިފައި، ވީހާ ވެސް ގިނަ އަޅުކަމާއި ހެޔޮ ކަންތައްތައް ކުރެވޭތޯ މަސައްކަތް ކުރެއެވެ.
އެގޮތުން ރަމަޟާން މަހު ރޯދަ ހިފުމުގެ އިތުރުން ގިނަ މީހުން ކުރާ އެންމެ ބޮޑު އެއް ހެޔޮ ކަމަކީ ޞާދަޤާތް ކުރުމެވެ. ޞަދަޤާތް ކުރުމުގެ ގޮތުން ނިކަމެތިންނަށް ފައިސާ ބަހައި، ނުވަތަ ކާބޯތަކެތި ބެހުން ފަދަ ކަންކަން ވެސް ކުރެއެވެ.
ނަމަވެސް ބައެއް މީހުން މި ހެޔޮ ޢަމަލު ކުރަނީ ވަރަށް ވެސް ހިތާމަވެރި ގޮތަކަށެވެ. ބައެއް މީހުން ޞަދަޤާތް ކުރާއިރު، ނުވަތަ މީހަކަށް އެއްޗެއް ދޭ އިރު، އެމީހުންގެ ފޯނުން ނުވަތަ ކެމެރާއިން އެ މަންޒަރުތައް ވީޑިއޯ ކުރެއެވެ. ނުވަތަ ފޮޓޯ ނަގައެވެ. އަދި އެފަދައިން ކަންތައް ކުރުމަށްފަހު އެ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި އެބައި މީހުން ހިއްސާ ކުރެއެވެ.
މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ޞަދަޤާތެއް ކުރަމުން އެކަން މީސްމީޑިއާގައި އާންމު ކުރުމުން ހާމަވަނީ ހަގީގަތުގައި އެމީހަކު އެހެން މީހުންނަށް އެއްޗެއް ދެނީ ޞަދަޤާތެއް ކުރުމުގެ ނިޔަތުގައި ނޫން ކަމެވެ. އެއީ މީހުންގެ މެދުގައި މަޝްހޫރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަވެގެން ދެއެވެ.
ޞަދަޤާތް ކުރުމުން ލިބޭ ސަވާބާއި ބެހޭ ގޮތުން މާތް ﷲ ތަޢާލާ ވަޙީ ކުރައްވަނީ:
﴿18﴾ إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ
ހަމަކަށަވަރުން، صدقات ކުރާ ފިރިހެނުންނާއި، صدقات ކުރާ އަންހެނުންނާއި، އަދި ހެޔޮވެގެންވާ ދަރަނި ދިނުމަކުން اللَّه އަށްޓަކައި ދަރަނި ދިން (އެބަހީ: اللَّه އަށްޓަކައި ހޭދަކުރި) މީހުން (ދަންނާށެވެ!) އެއުރެންނަށް (އެކަންކަމުގެ) ދަރުމަ ގިނަގުނަ ކުރައްވާނެތެވެ. އަދި އެއުރެންނަށް ދީލަތިވެގެންވާ ދަރުމަ ހުއްޓެވެ.
[ އަލް ޙަދީދް 18 ވަނަ އާޔަތް ]