ދުނިޔޭގެ އެންމެ ބަރު އަނބު ރިކޯޑް ފޮތަށް، ކިތައް ކިލޯ ހުރިކަން އެނގޭތަ؟

ކޮލަމްބިއާއަށް ނިސްބަތްވާ ދެ ދަނޑުވެރިން ހެއްދި ގަހެއްގައި އެޅި އަނބެއް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.
މި އަނބު އަޅައިފައި ވަނީ ޖާރމަން އޮރްލާންޑޯ ނޮވޯ ބައްރެރާ އަދި ރެއިނާ މާރިއާ މަރޮކުއިން ކޮލަމްބޯގެ ސިޓީ ގުޔާޓާގެ ސަރަހައްދެއް ކަމަށްވާ ބޮޔަސާގެ ސެން މާރޓިންގެ ދަނޑެއްގައި ހެއްދި ގަހެއްގައެވެ.
ބަރުދަނުގައި 4.25 ކިލޯގްރާމް ހުރި މި އަނބަކީ ދުނިޔޭގެ އެންމެ ބަރު އަނބު ކަމުގައި ވަނީ ކަނޑައަޅައިފައެވެ. ކުރިން މި ރިކޯޑް ލިބިފައި ވަނީ ޕިލިޕީންސްގެ ގަހެއްގައި އެޅި އަނބަކަށެވެ. 2009ގައި އެޅި އެ އަނބުގައި 3.435 ކިލޯ ހުއްޓެވެ.
ބައްރެރާ އަދި މާރިއާ ބުނި ގޮތުގައި މި އަނބު އެހެން އަނބުތަކާ އަޅާބަލާއިރު ހެދުނީ ވެސް ބޮޑުކޮށެވެ. އަދި ބައްރެރާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ވަނީ އަނބުގެ ބަރުދަން ބެލުމުން ދުނިޔޭގެ ރިކޯޑް ފޮތުން އެ އަނބަށް ޖާގައެއް ލިބިދާނެ ކަމުގައި ބުނެފައެވެ.

ބައްރެރާ ބުނެފައި ވަނީ އޭނާ ސާބިތުކޮށްދޭން ބޭނުން ވަނީ ކޮލަމްބިއާއަކީ މަސައްކަތްތެރި މީހުން އުޅޭ، އުފެއްދުންތެރިކަން އިތުރު ޤައުމެއް ކަމަށެވެ. އަދި ރެކޯޑް ފޮތަށް އެ އަނބު އެރުވުމުގެ ބޭނުމަކީ ކޮވިޑްގެ މި ދަތި އުނދަގޫ އުނދަގޫ ދުވަސްވަރު މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމުގައި ވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ބައްރެރާ ބުނި ގޮތުގައި އެ އަނބު ވަރަށް މީރުވެފައި ފޮންޏެވެ. އަދި އެ އަނބުން މި ދަނޑުވެރިން ވަނީ ޞަދަޤާތް ކޮށްފައެވެ.