އެންވަޔަރމަންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލުމަށް ފަހު، މިނިސްޓަރަކަށް ޝައުނާ
އެންވަަޔަރމަންޓް މިނިސްޓްރީއާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެ މިނިސްޓްރީގެ ވަޒީރަކަށް އައިޝަތު ޝައުނާ އައްޔަން ކުރައްވައިފިއެވެ.
މީގެ އިތުރުން، އެންވަޔަމަންޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ.ހުސެއިން ރަޝީދު ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައެވެ.
މި ދެ ބޭފުޅުންނަށް ވެސް މަގާމުގެ ފަތްކޮޅު ދެންމެ ވަަނީ އަރުވާފައެވެ.
މީގެ ކުރިން ޝައުނާއަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއެވެ. އެއީ ސްޓޭޓް މިނިސްޓަރާ އެއްފެންވަރެއްގެ މަގާމެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކެބިނެޓށް މިއަދު ގެނެވުނު ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެލައްވާފައިވާ ވައުދުތައް ފުއްދުމަށާއި ސަރުކާރުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ގެނުއްވި ބަދަލުތަކެއް ކަމަށެވެ.
މި ދެ މަގާމުގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހްމަދު ހަމްދާން ވެސް މިއަދު ވަނީ އައްޔަން ކުރައްވާފައެވެ.
ހަމަ އެހެންމެ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޑްރަގް އޭޖެންސީ މިއަދުން ފެށިގެން ހިންގާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށް ވެސް ވަނީ ކަނޑައަޅުއްވައިފައެވެ.