ޚަބަރު

މިހާރު ރާއްޖޭގައި ތިބި ދެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބޭ: ފުލުހުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައީސް ނަޝީދަށް ރޭ ދިން ހަމަލައިގެ ތަޙްޤީޤުގައި މި ވަގުތު ރާއްޖޭގައި ތިބި ދެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި މި މައްސަލަ ފުލުހުން ބަލަމުންދަނީ އެންމެ ބޮޑު އިސްކަމެއް ދީގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާގެ ތަހުގީގަށް ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން މި ސާވިސްގައި ލިބެން ހުރި ހުރިހާ ވަސީލަތެއް މިހާރު ބޭނުން ކުރާ ކަމަށާއި، އޭގެ ތެރެއިން މި ތަހުގީގަށް އޮސްޓްރޭލިއާ ފެޑެރަލްގެ ފަރާތުން ތަޖުރިބާކާރު ދެބޭފުޅެއް މާދަމާގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށެވެ.

މީގެ އިތުރުން މި ތަހުގީގަށް ޔޫ.އެން.އޯ.ޑީ.ސީ ގެ ފަރާތުން މިވަގުތު ރާއްޖޭގައި ތިއްބެވި ފަންނީ ދެ ބޭފުޅުންގެ އެހީތެރިކަން، ވެސް ލިބެމުން ދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މިހާތަނަށް މި މައްސަލައިގައި ތަހުގީގު ގޮސްފައިވާ ހިސާބަށް ރިއާޔަތްކޮށް މި މައްސަލަ މިހާރު ބަލަމުން ގެންދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ރޭގެ ވަގުތެއްގައި ދެވުނު މި ނުރައްކާތެރި ހަމާލާއާއެކު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ދިިވެހިރާއްޖޭގެ ދިފާއީ ބާރާއި ދިވެހި ފުލުހުން ގުޅިގެން މާލެ ސަރަހައްދު ބަލަހައްޓާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހަމަ އެއާ އެކު ރައީސް ނަޝީދަށް ހަމަލާ ދިން ސަރަހައްދު ކަމުގައިވާ ނީލޯފަރު ހިނގުމުން އެއްވެސް ބޭފުޅަކަށް ޝައްކުވާ ފަދަ އެއްވެސް އަމަލެއް ނުވަތަ އެއްވެސް އެއްޗެއް ފެނިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ޚާއްސަ ކޮށްފައިވާ ފުލުހުންގެ ހޮޓްލައިން ނަމްބަރު 9704000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެ ގޮތަށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހިފެހެއްޓާާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ރައްޔިތުންނަށް އަރުވައިފައެވެ.

މިކަމާ ގުޅިގެން މިއަދު މެންދުރު 14:00 ގައި އިސްކަންދަރު ކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ވެސް އެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!