ރައީސް ޔާމީން "ގޮއްވާލަން" ބުނި މީހާގެ މައްސަލަ ބަލައިދޭން އެދިއްޖެ
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ޓެރަރިސްޓު ހަމަލާއެއް ދީ، އެމަނިކުފާނު "ގޮއްވާލަން" މީހަކު ބުނި މައްސަލައެއް ބަލައިދޭން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އެދިއްޖެއެވެ.
ރައީސް ޔާމީން "ގޮއްވާލަން" ގޮވާލައިފައި ވަނީ އަލީ ޔާސިރު ނަމަކަށް ކިޔައި މީހެއްކަމަށް ވަނީ އެނގިފައެވެ. އޭނާ އެ ފަދައިން ގޮވާލައިފައި ވަނީ ފޭސްބުކް މެދުވެރިކޮށެވެ.
މިކަމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަދަ ނުރައްކާތެރި އަމަލު ހިންގުމަށް ގޮވައިލައި، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމައު ތެރެއަށް ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
"ހަމައެއާއެކު މިފަދަ ނުރައްކާތެރި ޓެރަރިސްޓް ޢަމަލުތައް ހިންގުމަށް ގޮވާލާ ފަރާތްތަކުން އެކަން ކުރަނީ ކޮންމެ ފަދަ މަޤްސަދެއްގައި ކަމުގައި ވީނަމަވެސް، އެފަދަ މައްސަލަތަކަކީ ކުދިކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެ ނަމަ، އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ލިބި އެފަދަ ނުރައްކާތެރި ޢަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުސަތު އިތުރުވެގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް" ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މާފުށީ ޖަލުގައި ވެސް މި ދުވަސްވަރު ކޮވިޑް-19 ފެތުރިގެން ދިޔުމާ ގުޅިގެން މިވަގުތު ރައީސް ޔާމީން ހުންނެވީ ވަގުތީ ގޮތުން ގެއަށް ބަދަލު ކުރައްވާފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް އެ މަނިކުފާނު ގޮއްވާލަން، ގޮވައިލައި ފޭސްބުކްގައި ލިޔެފައިވާ ފަރާތް ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބަލައި، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާނެ ކަމަށެވެ.