ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް މިއަދު ހަވީރު ފުލުހުން ނޫސްވެރިންނާ ބައްދަލު ކުރަން ނިންމައިފިއެވެ.
ނޫސްވެރިންނާ ފުލުހުން ބައްދަލު ކުރަން ނިންމައިފައި ވަނީ މިއަދު 16:00ގައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޟްއެވެ.
މިހާތަނަށް ފުލުހުން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ ހަަމަލާއާ ގުޅިގެން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމުގައި މައުލޫމާތު ދެއެވެ. އަދި އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ސަރަހައްދުން ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާކަމަށް ވެެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނީ މެއި 6ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ނީލޯފަރުހިނގުމުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅެނިކޮށެވެ. މި ހަމަލާގައި ގިނަ ޒަހަމްތަކެއްވެ އެ މަނިކުފާނުގެ 4 ސާޖަރީއެއް ކުރެވިފައިވެއެވެ.